ޚަބަރު

އިންޓަނެޓްގެ ހިދުމަތް ފުޅާކޮށް ޑިޖިޓަލް އައިޑީ ތައާރަފުކުރަން ވޯލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު ދެނީ

އަލީ ޔާމިން

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ އިތުރަށް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ދިހަ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.

ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި ތަންތަނަށް ގޮސް އަދި އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށް ދިހަ މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައިވީ ނަމަވެސް، އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި އަދި ފެންވަރު ރަނގަޅު، ހާއްސަކޮށް އަތޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ގާނޫނީ ނިޒާމުގައި ހުރި ފަރަގުތަކުގެ އިތުރުން ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގޮނޑުދޮށްތައް ގިރުން ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ ސަބަބުން ލާމަރުކަޒުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފުމުގެ ބޭނުންތެރިކަން އިތުރަށް ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ޖަޒީރާ ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރަމުންދާ ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.

"ކޮވިޑް 19ގެ ބަލިމަޑުކަމާ އެކު، ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ދިއުން އިތުރަށް ހަލުވިވެ، އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމުތަކާއި ސިއްހީ ހިދުމަތްތައް އޮންލައިންކޮށް ހޯދުމާއި އޮންލައިންކޮށް ކިޔަވައިދިނުން ފަދަ އާ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް އުފެދުން ވަނީ އިތުރުވެފައި،" ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ބުނީ އަލަށް ފަށާ "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް"ގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށާއި އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗާ އާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް، ކަމާ ބެހޭ އިދާރާތައް ވަރުގަދަކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މީގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ހަރުދަނާކުރުން ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

"ރާއްޖޭގައި ބޭނުންކުރާ އައިޑީ ނިޒާމާއި ޑިޖިޓަލް އޮތެންޓިކޭޝަން ނިޒާމު ޒަމާނީ ކުރުމުގެ ސަބަބުން މާލީ، ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ފަދަ ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އޮންލައިންކޮށް އަދި އޮފްލައިންކޮށް އިތުބާރު ކުރެވޭ މުއާމަލާތްތައް ކުރުމަށް މަގުފަހިވެގެންދާނެ،" މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ސިދާރުތާ ރާޖާ ވިދާޅުވިއެވެ.

މޫސުމާ ގުޅުންހުރި ޑޭޓާ ހިއްސާކޮށް އަދި އެ ޑޭޓާގެ އެނަލިސިސް ހެދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޑޭޓާއަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ރޭވުން ހަރުދަނާކުރުމަށް އެންމެ ފަހުގެ ޒަމާނީ ކްލައިމެޓް ޑޭޓާ ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

"މި މަޝްރޫއުގެ ސަބަބުން މިހާރަށް ވުރެ ރައްކާތެރި އަދި ޒާތީ މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓޭނެ އައިޑެންޓިފިކޭޝަން ނިޒާމުތަކާ އެކު، އިންޓަނެޓް މެދުވެރިކޮށް އިތުރު އަދި އަގުހެޔޮ ހިދުމަތްތައް ފޯރުކޮށްދެވޭނެ،" މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ޖެރޯމް ބެޒީނާ ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.

މި މަޝްރޫއަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ ދިހަ މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގައެވެ.