އިލެކްޝަން ކޮމިޝަން (އީސީ)ގައި ހުރި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ފޯމުތައް ޕްރޮސެސްކުރުން ލަސްވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީއަށް މެމްބަރުން އިތުރުކުރަން ކުރި މަސައްކަތުން މިހާރު ވެސް 3،000 އަށް ވުރެ ގިނަ މީހުން ހަމަވިޔަސް ގިނަ ފޯމުތައް އީސީން އަދިވެސް ޕްރޮސެސްނުކޮށް އެބަހުރި ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި އީސީއަށް 1،407 ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން 1،297 ފޯމު އަދި ޕްރޮސެސް ނުވެހުރިކަން އެމްއާރްއެމުން ވަނީ ފާހަގަކޮށްފައެވެ.
އެމްއާރްއެމްއިން ބުނީ، ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާން ޖެހޭއިރު އީސީން ކުރި އިއުލާނުގެ ފަހުން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހާ ހަމައަށް 700 އަށްވުރެ ގިނަ ފޯމު އެޕާޓީގެ ފަރާތުން އީސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންކަމުން އެމްއާރްއެމްގެ ރަޖިސްޓްރީގައި 3،000 މީހުން ތިބި ކަމަށް ގަބޫލުކުރާ ކަމަށް އެމްއާރްއެމުން ބުންޏެވެ.
އެޕާޓީން އީސީއަށް ހުށަހަޅާފައިވާ ބައެއް ފޯމުތައް ޕާޓީއަށް ރަޖިސްޓްރީ ނުކޮށްދީ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެހެންކަމުން ފޯމުތައް ޕްރޮސެސްކުރުން އަވަސްކޮށްދިނުމަށް އެމްއާރްއެމުން ވަނީ އެދިފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ތިބެން ޖެހޭނެއެވެ.
މިއަދު އީސީން ވަނީ އެއަދަދަށް މެމްބަރުން ހަމަނުވާތީ އެމްއާރްމް، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމައިފައެވެ.
އީސީގެ ރައީސް މިއަދު "ވަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިމަހު 14 ގެ ނިޔަލަށް އެ ޕާޓީތަކަށް 3،000 މެމްބަރުން ހަމަ ކުރުމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިމަހު 14 އަށް 3،000 ހަމަނުކުރެވޭ ޕާޓީތައް ގާނޫނުގައި ބުނެފައިވާގޮތުގެ މަތިން އުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އެ ޕާޓީތަކަށް 3،000 މެމްބަރުން ހަމަކުރުމަށް އީސީން ނޯޓިސް ފޮނުވާފައިވާ އިރު، އެ ނޯޓިސްގައިވާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަދަދު ހަމަނުކުރެއްވިއްޖެ ނަމަ، އެ ޕާޓީތައް އުވޭނެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ އޮފިޝަލް އާދަމް އަބްދުލް އަލީމް މިއަދު ވިދާޅުވީ، މިމަހުގެ 14ގެ ނިޔަލަށް އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމަށް އީސީން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގައި އެ ޕާޓީއަށް 3،000 މީހުން ހަމަކޮށް، ފޯމު އީސީއަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޓީޑީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، 3،000 މީހުން ހަމަކުރަން އެ ޕާޓީއަށްވެސް އީސީން ދިނީ މިމަހުގެ 14 ނިޔަލަށް ކަމަށާއި ނަމަވެސް މިހާރު އެ އަދަދަށް މީހުން ހަމަކޮށް، ފޯމުތައް އީސީއަށް ފޮނުވާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު