ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް އިފުތިތާހުކޮށްފިއެވެ.
ބީއެމްއެލުން ބުނީ، "ކައިންޑްލީ ބައި ބީއެމްއެލް" ނަމުގައި ތައާރަފުކުރި އާ ޕްލެޓްފޯމަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.
އަލަށް ތައާރަފުކުރި ޕްލެޓްފޯމަކީ ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕެއިން ގާއިމުކޮށް ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭ ގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެ އަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރެވޭ އޮންލައިން ފަންޑްރެއިޒިން ޕްލެޓްފޯމް ގާއިމުކޮށް އިފްތިތާހު ކުރެވޭކަމީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
“މުޅި ދުނިޔޭގައިވެސް ކްރައުޑްފަންޑިންއަކީ މަގުބޫލުކަމެއް. ކައިންޑްލީގެ ހިޔާލު އައީ ފަންޑްރެއިޒްކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި. އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެންގެ މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެކަމަށް އުންމީދުކުރަން.” ސޯޔާ ވިދާޅުވި އެވެ.
ކައިންޑްލީއާ ގުޅޭ އިތުރު މައުލޫމާތު https://kindly.bankofmaldives.com.mv އިން ލިބޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު