އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިއަހަރު ހިންގާ ހަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.
މި ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ސިއްހަތަށާއި އަނެކުންގެ ސިއްހަތަށް، ގެއްލުންވާ ކަމަށާއި އެނގިހުރެ އެހެން މީހެއްގެ ސިއްހަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ ބޭނުންކުރުމުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ އިތުރުން ތިމާވެށީގެ ގޮތުންކުރާ އަސަރު ބޮޑު ކަމަށެވެ.
އެގޮތުން ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމާއި ސިނގިރޭޓް އުފައްދާ ކާރުހާނާތައް ހިންގުމުގެ ތެރޭގައި އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާ ކަމަށް ވިދާޅުވެއްޖެއެވެ. އަދި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ސިނގިރޭޓް ބުއިމަށްފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖުކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު