ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލާ މަރުހަލާތަކުގެ މުއްދަތުތައް އިތުރުކުރަން ޖުޑިޝަލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލަށް އިސްލާހު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ބިލުގައި ބުނެފައިވަނީ، ސަރުކާރުން މި ބިލު ހުށަހެޅީ ޖޭއެސްސީގެ ގާނޫނުގެ ދަށުން ޖޭއެސްސީން ބެލުމަށް ނިންމާ މައްސަލަތަކުގައި އަމަލުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބައެއް އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ކަމަށެވެ.

އެކަމަށްޓަކައި ގާނޫނަށް ފަސް އިސްލާހެއް ހުށަހަޅާފައިވެއެވެ. އެއީ އެ ގާނޫނުގެ 22 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއަށެވެ.

އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތް ނިންމައި ކޮމިޓީން ނިންމާ ނިންމުން އެ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ނިންމައި، ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށެވެ. އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

ގާނޫނުގެ 25 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ރިޕޯޓު ކޮމިޝަނަށް ލިބޭތާ ފަސް ދުވަހުގެ ތެރޭގައި އެ ރިޕޯޓާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތް ކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ތަހުގީގު ކޮމިޓީއަށް ލިއުމުން ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އެ މުއްދަތު ހަތް ދުވަހަށް ބަދަލު ކުރުމަށާއި އަދި ތަހުގީގު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ވާހަކަ ދެއްކުމަށް ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މާއްދާގެ (މ) ގައި ބުނެފައި އޮތް މުއްދަތުވެސް ހަތް ދުވަހަށް އިތުރު ކުރަން ވަނީ ހުށަހަޅައިފައެވެ.

ކޮމިޓީގެ ތަހުގީގީ ރިޕޯޓަށް ޖަވާބުދޭން ދީފައިވާ ހަތް ދުވަހުގެ މުއްދަތުގައި މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާ ނުލައި ޖަވާބު ނުދެވިއްޖެ ނަމަ އިތުރު މުހުލަތަކަށް އެދި ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހޭގޮތަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ފަނޑީޔާރުންނާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އަންގަން ޖެހޭނެ ކަމަށް އޮތް ބައި، ތަހުގީގު ކުރި މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީނު ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އަންގަން ޖެހޭނެ ކަމަށް ހިމެނުމަށްވެސް އިއްލާހުގައިވެއެވެ.