މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބިޔަރުދަޅާއި އަދި ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ބަނގުރާގެ އޮޕަރޭޝަނެއް ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 20 އަހަރު، 21 އަހަރު، 27 އަހަރު، އަދި 30 އަހަރުގެ މީހުންނެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް، އެމްއެމްއޭ ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކުރިއިރު 441 ދަޅު ބިޔަރު އަދި 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ޑުރަގު އެންފޯސްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.