ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް، 48 ރުފިޔާގެ މަގުން، ޖުމްލަ 258 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. މި ޖަލްސާގައި އަމިއްލަގޮތުން 57 ހިއްސާދާރަކު ބައިވެރިވެފައިވާ އިރު، ޕްރޮކްސީ މެދުވެރިކޮށް 17 ހިއްސާދާރަކުވަނީ ބައިވެރިވެފައެވެ. މި ހިއްސާދާރުން ބީއެމްއެލްގެ 58 އިންސައްތަ ހިއްސާ ތަމްސީލުކުރެއެވެ.
މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް ޑިވިޑެންޑްގެ ގޮތުގައި ބަހަން ފާސްކުރި ރެކޯޑު އަދަދެކެވެ. މިރޭ ފާސްކުރި ޑިވިޑެންޑްގެ ތެރޭގައި މި އަހަރު ކުރީކޮޅު އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ދޫކުރި 13 ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބަހަން ފާސްކުރި 35 ރުފިޔާ ހިމެނެއެވެ.
ކުރިން ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން މިދިޔަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެއެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކްސްގެ ގޮތުގައި ޖުމްލަ 543 މިލިއަން ރުފިޔާ ސަރުކާރަށް ލިބޭ އިރު، އޭގެތެރެއިން 362 މިލިއަން ރުފިޔާ ބީއެމްއެލް އިން ވަނީ ދައްކައިފައެވެ.
މިރޭގެ ޖަލްސާގައި ބީއެމްއެލްގެ ހިއްސާދާރުން ނިންމީ، މިހާރުވެސް ބޯޑުގައި ތިބި މެންބަރުންނަށް އިތުރު ދައުރެއް ދިނުމަށެވެ. އެގޮތުން ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ އަށް މެންބަރުން އަލުން އެ މަގާމުގައި އިތުރު ދައުރަކަށް ދެމި ތިބުމަށް 99.7 އިންސައްތަ ވޯޓު ވަނީ ލިބިފައެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ތިން މެންބަރުން އިތުރު ދައުރަކަށް އެ މަގާމުގައި ތިބުމަށް 100 އިންސައްތަ ވޯޓު ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ބީއެމްއެލްގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ އިރު، ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް 5.3 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައެވެ.
ބީއެމްއެލް އިން މިދިޔަ އަހަރު ނިންމައިލީ ރެކޯޑް ފައިދާއަކާ އެކުގައެވެ. އެގޮތުން ޓެކުހަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 470 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް މިހާތަނަށް ނެރެނު އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.
ދެހާސްވިހި ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު