ޚަބަރު

ސީޕްލޭން ޓާމިނަލްގެ އެކްޒެކެޓިވް ލައުންޖުތައް ހިންގާނެ ބަޔަކު ހޯދަނީ

މުހައްމަދު އިޝާން

ސީ ޕްލޭން ޓާމިނަލުގައި އެކްޒެކެޓިވް ލައުންޖު ހިންގާނެ ފަރާތެއް ހޯދަން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާންކޮށްފިއެވެ.

އެމްއޭސީއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާފައިވާ އެ ކުންފުނީގެ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ އެކްޒެކެޓިވް ލައުންޖު ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ލައުންޖު ގޮޅިތައް ކާމިޔާބުކުރާ ފަރާތްތަކުން އެ ކުންފުނިން ދީފައިވާ އިރުޝާދުތާކާ އެއްގޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައި ލައުންޖު ހިންގަންވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ސީޕްލޭން ޓާމިނަލްގައި ލައުންޖް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން ވަނީ އެދިފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ބީލަންފޮތް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.

އެމްއޭސީއެލްއިން ބުނީ، އެކްޒެކެޓިވް ލައުންޖު ހިންގުމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ބިޑު ހުށަހަޅާއިރު، ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި 10،000 ޑޮލަރު، ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ލައުންޖް ހިންގުމަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ 14:000 އަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އާ ސީޕްލޭން ޓާމިނަލް ހުޅުވަން ނިންމާފައި އޮތީ މިމަހު 15ގައެވެ. ނަމަވެސް އެތަން އަދިވެސް ހުޅުވާފައި ނުވާއިރު، ރަސްމީކޮށް ހުޅުވާނެ ތާރީހެއް ސާފެއް ނޫނެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށްވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުން އެއް ފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އަދި އެ އަދަދު 100 އަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ކުރިން ބުނެފައެވެ.