ވިލިމާލެ ހޮސްޕިޓަލުން ކުޑަކުއްޖަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދޭން އުޅުނު މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ވިލިމާލެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ މެމްބަރު އައިމިނަތު ސީނާ މުހައްމަދެވެ.
މުއްދަތު ހަމަވެފައިވާ ވެކްސިންގެ ފޮޓޯއަކާއެކު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާޅެ ހޮސްޕިޓަލުން ހަ މަހުގެ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދޭން އުޅެފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވެގެން ކުއްޖާއަށް ވެކްސިން ދޭން ކުއްޖާގެ ބައްޕަ އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން އެއީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ނޭނގުނު ނަމަވެސް، އެ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހެއް ކަމަށް ޖަހާފައި އިންނަނީ މިދިޔަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދީފައިވާކަމުގެ ޝަކުވާ ވިލިމާލޭގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
އަދި އެއީ ސީރިއަސް މައްސަލައެއް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ޝަކުވާ ލިބުމުން އެކަން ބަލަމުންދާ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު އެ މައުލޫމާތު އާންމުކުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު