ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއާ ޓެނިސް ކުޅުންތެރިންނާއެކު ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖޫނިއާ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވައި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަހުރުވެރި ވަނަތަކަށްޓަކައި އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި އިތުރަށް ކުރިއަށް ދިއުމަށް އެމަނިކުފާނު ވަނީ އެކުދިންނަށް ހިތްވަރުދެއްވައިފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމަށްޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ރާއްޖެއަށް ރީތި ނަން ހޯދައިދީ މަތީ ވަނަތަކަށް ވާސިލްކުރުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި، އެކަމަށްޓަކައި ބެލެނިވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު