މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެއްފަހަރާ އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގީ މިއަހަރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކޮރްސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު ފެށި މަޝްރޫއުތަކާ އެކު މިހާރު ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މަޝްރޫއެއް ނިމިފައިވާ އިރު، މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމައިލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ޝާހު ވިދާޅުވިއެވެ.
"މިހިނގާ 2022 ވަނަ އަހަރަކީ އެމްޑަބްލިޔުއެސްސީގެ މުޅި ހަޔާތުގައި ވެސް އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު،" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މީގެ 27 އަހަރުކުރިން އެމްޑަބްލިޔުއެސްސީ އުފެއްދީ ހަމައެކަނި މާލެއަށް ހިދުމަތް ދިނުމަށް ކަމަށެވެ. ނަމަވެސް ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާއަކީ މިހާރު އެ ކުންފުންޏަކީ ގްރޭޓާ މާލޭ ސަރަހައްދަށް ވެސް ހިދުމަތް ދެމުން އަންނަ ކުންފުންޏަށްވުން ކަމަށެވެ.
"ކުންފުންޏަށް ލިބޭ ހުރިހާ ކުރިއެރުމެއްގެ ހަގީގީ ސިއްރަކީ ކުންފުނީގެ މުވައްޒަފުން ކަން ފާހަގަކުރަން،" ޝާހު ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު