މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރުވެސް އޭނާ އެ މަގާމުގައި ހުންނަވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައެއް މެންބަރުން މިއަދު އޮތް އެ ކައުންސިލްގެ ޖަލްސާ ބޮއިކޮޓްކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު އެމްއެމްސީން ބޭއްވި ޖަލްސާއަށް ޝަހުބާންއާ އެކު ދިހަ މެންބަރުން ހާޒިރުވެވަޑައިގަތެވެ. ސަހުބާން ފިޔަވައި ދެން ހާޒިރުވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވައިފައެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ މެންބަރު މުހައްމަދު ޝަފާއު ހަސަން މިއަދު ވިދާޅުވީ، މިއަދުގެ ޖަލްސާ ބޮއިކޮޓްކުރެއްވީ ޝަހުބާން މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާތީ ކަމަށެވެ. އަދި ޝަހުބާނާއެކު މަސައްކަތްކުރަން ގިނަ މެންބަރުން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިކަމުގައި ރީތި ގޮތަކީ އަމިއްލައަށް އިސްތިއުފާދިނުން ކަމަށް" ޝަފާއު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އެވޯޑުގެ އުސޫލު ފާސްކުރުމަށެވެ.
ޝަހުބާނުގެ އިތުބާރު އޮތްތޯ ބެލުމަށް މިދިޔަ އާދިއްތަ ދުވަހު އެމްއެމްސީގެ ކުއްލި ޖަލްސާއެއް ބާއްވައި ވޯޓެއް ނެގިއެވެ. އެ ވޯޓުގައި ޝަހުބާނުގެ އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރެކެ. އިތިބާރު ނެތް ކަމަށް އަށް މެމްބަރުން ވޯޓް ދެއްވިއެވެ.
އެމްއެމްސީގެ ގާނޫނު ބުނާގޮތުން ރައީސްގެ މަގާމުގައި ހުރި ކަމުގައިވިޔަސް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މެންބަރުކަމުގެ މަގާމުން ވަކިކުރުމަށެވެ. އަދި މެންބަރުކަމުން ވަކިކުރެވޭނީ ކައުންސިލު މެންބަރުންގެ ތިން ބައިކުޅަ ދެބައި ވޯޓު ލިބިގެންނެވެ. އެއީ 15 މެންބަރުންގެ ތެރެއިން ދިހަ މެންބަރުންގެ ވޯޓެވެ.
މަނީ ލޯންޑަރިންގެ ތުހުމަތަށް ސުވާލުކުރުމަށް ޝަހުބާން ވަނީ މިދިޔަ ބުދަ ދުވަހު ފުލުހަށް ހާޒިރުކޮށްފައެވެ.
ފުލުހުން ޝަހުބާނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
ޝަހުބާނާއި އޭނާގެ ބޭބެ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.
ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ސްކީމަކީ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު