ރިސޯޓު ހިންގުމުގައި އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހިލްޓަން އިން މާލެ އަތޮޅުގައި ތަރައްގީ ކުރި އެ ކުންފުނީގެ އާ ރިސޯޓު އަންނަ ޖުލައި މަހު ހުޅުވަން ތައްޔާރު ވެއްޖެއެވެ.
ކ ކޮށްދިއްޕަރު ފިނޮޅުގައި އަމިންގިރި ހޯލްޑިންގްސް އިން ތަރައްގީ ކުރި ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާ ހުޅުވާނީ އަންނަ ޖުލައި އެކެއްގަ އެވެ. އެ ރިސޯޓު ބުކިން އަށް މިހާރު ހުޅުވާލާފައި ވާއިރު ރިސޯޓުގައި ޖުމްލަ 109 ވިލާ ހުރެއެވެ.
މި ރިސޯޓުގެ ބޮޑު ބައެއް ތަރައްގީކޮށްފައިވަނީ އޯވާ ދަ ވޯޓާ ވިލާތަކަށެވެ. އަދި ރިސޯޓުގެ ކޮންމެ ވިލާއެއްގައިވެސް ޕްރިވެޓް ޕޫލް އެއް ހުރެ އެވެ.
އެ ރިސޯޓުގައި ސްޕާއަކާއި ފިޓްނަސް ސެންޓަރަކާއި ސެލޫނެއްގެ އިތުރުން ހަ ރެސްޓޯރެންޓާއި ބާ ވެސް ހުންނާނެ އެވެ. ޕޫލް ބާ އާއި ކޮކްޓެއިލް ލައުންޖުން ފެށިގެން ޝެމްޕޭން ބާ އާއި ޓީ ލައުންޖާއި ސީފުޑް ޑައިނިން އޮޕްޝަންތަކާ ހަމައަށް، ޕްރޮޕަޓީގެ ކެއުމާއި ބުއިމަށް ވޯޓާ ސްލައިޑް ސީޓިން އޮޕްޝަންތައް ހުންނާނެ އެވެ.
މިއީ ލޯބިވެރިންނަށް ހާއްސަ ރިސޯޓެއް ނަމަވެސް، ދެ ކޮޓަރީގެ އޮޕްޝަންތަކާއި، އެކުގައި ދަތުރުކުރާ ބޮޑެތި ގްރޫޕްތަކަށް ނުވަތަ އާއިލާތަކަށް ހަ ކޮޓަރީގެ ވިލާއެއްވެސް އެބަހުއްޓެވެ. މި ރިސޯޓުގެ އެއްކޮޓަރީގެ ވިލާއެއްގެ އަގު އުޅެނީ ރެޔަކަށް 782 ޕައުންޑްގެ ރޭޓުންނެވެ. ނަމަވެސް އެއްކޮޓަރީގެ ވިލާއަކީ ހަމައެކަނި ފެށޭ ހިސާބެވެ. ދެ ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރިތަކުގެ ވިލާތަކުގެ އަގު އުޅެނީ ރެޔަކަށް 1،900 ޕައުންޑަށް ވުރެ މަތީގައެވެ.
ވެލާނާ އެއާޕޯޓުން ފުރައިގެން ގާތްގަނަޑަކަށް 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އަމިންގިރި ރިސޯޓް އެންޑް ސްޕާ އަކީ ހިލްޓަން އިން ރާއްޖޭގައި ހިންގާ ހަތަރު ވަނަ ރިސޯޓެވެ. ހިލްޓަން އިން ރާއްޖޭގައި ހިންގާ އެހެން ރިސޯޓު ތަކަކީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި، ކިއުރިއޯ ކަލެކްޝަންގެ ޕްރޮޕަޓީއެއް ކަމަށްވާ ސައި ލޭގޫން މޯލްޑިވްސް އެވެ.