ހުޅުމާލެ ފޭސް ދޭއްގައި މެރީނާ ވިއު، މޫދު ފެންނަ އެޕާޓުމެންޓުތަކެއް ހަދައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި މެރީނާ ވިއު އެޕާޓްމެންޓުތަކެއް ހެދުމަށްފަހު އެޕާޓްމެންޓުތައް ވިއްކަން ހުޅުވާލަންވާނެ ކަމަށެވެ. އެޗްޑީސީން ބުނީ މެރީނާ ވިއު އެޕާޓުމެންޓު ހެދުމަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފިނަމަ އިސްކަންދޭނީ އެޗްޑީސީގެ މާސްޓާ ޕްލޭނާ އެންމެ އެއްގޮތް ގޮތަކަށް ހުށަހަޅާފައިވާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަށް ކަމަށެވެ.

އީއޯއީތައް އިވެލުއުޓޭޓް ކުރާއިރު އެ އީއޯއީއެއް ހުށަހެޅި ކުންފުންޏެއްގެ މާލީ ގާބިލުކަމާއި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ ގާބިލުކަމަށް ބަލާނެކަމަށް އެޗްޑީސީން ބުންޏެވެ.

މެރީނާ ވިއު އެޕާޓްމެންޓުތައް ހެދުމަށް އީއޯއީ ހުށަހަޅާއިރު އެޗްޑީސީގެ "އިންވެސްޓްމެންޓް ގައިޑްލައިން"އާ އެއްގޮތަށް ހުންނަންވާނެ ކަމަށާއި އެ ގައިޑްލައިން އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވުން ހުންނާނެކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، ޝަރުތު ހަމަނުވާ އީއޯއީތައް ބަލައިނުގަންނާނެ ކަމަށެވެ. އަދި އީއޯއީ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ 15:30 ކަމަށެވެ.