ލައިފް ސްޓައިލް

މިއަދަކީ ދުނިޔޭގެ ބޭބެއިންގެ ދުވަސް، ބޭބެއެއް ހުރުމަކީ ހިމާޔަތެއް އުފަލެއް، ބޭބެމެނަށް އަވަހަށް ހެޔޮއެދުން ފޮނުވަމާ!

1

އަހަރެން ދަރިފުޅު ކިހިލި ޖަހައިގެން ގޭގެ ފުރަގަހަށް ނުކުތީ ވައި ޖައްސާލާއި، ދަރިފުޅުގެ ބޮޑާ ހޭކުން ހުއްޓުވޭތޯއެވެ. އޭރުވެސް ތުންފިއްތައިގެން އަހަރެންގެ ކޮނޑުގައި ބޯ ޖައްސައިގެން އޮތީ ދާދި ދެންމެއަކު ގެއިން ސްކޫލަށް ދާން ސައިކަލުގައި ފޮނުވައިލި އޭނާގެ ހައަރަށްދާ ބޭބެ ދިޔައީތީ، އެކަމާ ބޮޑާހާކަން ރޮއިރޮއިފައި ހުއްޓާލި ގޮތަށެވެ. މިއީ ހަމަކޮންމެ ދުވަހެއްގެވެސް ހާލަތެވެ. ދެއަހަރުގެ ނައިނާ ހޭލައި ހުއްޓާ އޭނާގެ ބޭބެ އެއްވެސް ތާކަށް އޭނާއާ ނުލައި ދަންޏާ އެވަރަށް ރޮއި، ބޮޑާހާކާނެއެވެ. ބައެއް ފަހަރު އަހަރެން ގާތަށް ރުޅިވެސް އާދެއެވެ. އެކަމަކު ގިނަފަހަރު މިއީ ހަމަ އަހަރެންވެސް އުޅުނު ހާލުކަން ހިތަށް އެރުމުން އަންނަ ރުޅިއަށްވުރެ ހިތަށް ލިބޭ ހަމަޖެހުން މާބޮޑެވެ.

ކޮންމެ ކުއްޖަކުވެސް އޭނާގެ ބޭބެއެއް ހުރީމަ އެކަމާ ވަރަށް ފޮނިވެ، ބޮޑޭ ވާނެއެވެ. އެންމެ ކުޑައިރުއްސުރެވެސް އެެންމެ ބޮޑު ވަންދެންވެސް އަހަރެން އެންމެ އުފާވާ، އެންމެ ހިތްހަމަޖެހޭ އެއްކަމަކީ މަގޭ ބޭބެއެއް ހުރުމެވެ. ބޭބެ އަހަރެން ކޮންމެ ތާކު ހުއްޓަސް ރައްކާތެރިކޮށްދެއެވެ. އަހަރެންގެ ހިމާޔަތުގައި ބޭބެ ހުންނަ ކަމުގެ އިހުސާސަކީ ލިބޭ ވަރަށް ބޮޑު ހިތްވަރަކާއި ބާރެކެވެ. ގިނަ ފަހަރު ބޭބެ ހުރީތީ ބައެއް ކަހަލަ ކަންތަކާ ދޭތެރޭ ވިސްނަންވެސް ނުޖެހެއެވެ. އަހަރެންނަށް ރޮވިއްޖެނަމަ ބޭބެ އަހަރެން ހެއްވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެއެވެ.

އަހަރެން މީހަކާ އިނީ މަންމަމެންގެ ރުހުމާ ނުލައެވެ. އެކަމަކު އަހަރެންގެ ހުރިހާ ކަމެއްގައި ބޭބެ އެހީވިއެވެ. ކައިވެންޏަށްފަހު އާއިލާގެ އެންމެންގެ ރުހުން އަހަންނަށް ލިބުނީ ހަމަ ބޭބެގެ މަސައްކަތުންނެވެ. ބޭބެގެ ރީތި، ލޯބި ފަހަރި ގެނެސްދޭތޯ އަހަރެން ކުރަމުންދިޔަ އާދޭހަށް ނިމުމެއް އައީ އަަހަންނަށް ދަރިފުޅެއްވެސް ލިބި ދިރިއުޅުން ހަމައަކަށް އެޅުމުންނެވެ.

މިއަދަކީ ދުނިޔޭގެ ބޭބެއިންގެ ދުވަހެވެ. އަހަރެން މިހާރު މިތައްޔާރު ވަނީ ބޭބެއަށް ދޭނެ ހަދިޔާއެއް ހޯދުމަށެވެ. މިއަދުގެ މުނާސަބާގައި ބޭބެއަށް ދޭން އެންމެ އެކަށީގެންވާ ހަދިޔާއަކާ ދޭތެރޭ ވިސްނަމުން އަހަރެން ދަރިފުޅު ގޮވައިގެން ގޭތެރެއަށް ވަދެއްޖައިމެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 24 ވަނަ ދުވަހަކީ ދުނިޔޭގެ ހުރިހާ ދިމާއެެއްގައިވެސް ބޭބެއިންގެ ދުވަސް ފާހަގަ ކުރާ ދުވަހެވެ. މިދުވަހުގެ މުނާސަބާގައި ހިންދޫ މީހުން ހަދާހެން "ރާކީ" ބަނދެނުދިނަސް، ބޭބެއެއް ހުރިކަމުގައިވާނަމަ، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ކިޔޭނެއެވެ. ކޮންމެވެސް ހަނދާނީ ހަދިޔާއެއް، ތިމާގެ ފެންވަރުން ބޭބެއަށް ދިއްކޮށްލުން ރަނގަޅެވެ. ބޭބެއިންނަކީ ތިމާގެ ރައްކާތެރިކަމަށް ކިތައް ކަންތައް ކޮށްފައި، ކިތައް އަނިޔާވެ، ކިތައް މީހުންނާއި ކުރިމަތިލައިފައި ތިބި ބައެއްކަން ހަނދާން ނައްތައިނުލައި މިއަދުގެ މުނާސަބާގައި އެހުރިހާ ކަމަކަށް ޝުކުރު އަދާކުރަން ހަނދާނުގައި ބަހައްޓާށެވެ. ހަމަ އެކަނި މެސެޖެއްވެސް ފުދޭނެ އެވެ.

ދުނިޔޭގެ ބޭބެއިންގެ ދުވަހުގައި އެއްބަޔަކު ބޭބެއިން ތިބިކަމުގެ އުފާ ފާޅު ކުރާއިރު ތިމަންނާގެ ބޭބެއެއް ނެތްކަމުގެ ހިތާމަ ކުރާ ބަޔަކުވެސް އުޅޭނެއެވެ. އެފަދަކުދިން ގާތްތިމާގެ ބޮޑުބޭބެއިންގެ ފަރާތުން ބޭބެއެއްގެ ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން އަބަދުވެސް ހޯދައެވެ. ނުވަތަ ދެބެއިންގެ ދެދަރިވިޔަސް ބޭބެއިން ތިބެއެވެ. މިފަދަ ހާއްސަ ދުވަސްތަކުގައި ބޭބެއެއް ހުރުމުން އެލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭނީވެސް ކިހިނެއްހެއްޔެވެ. ބޭބެއެއްގެ ހިޔާވަހިކަން ލިބިފައިވުމަކީ ހަމަ ވަރަށް ބޮޑަށް ރައްކާތެރިކަމާއި ހިތްހަމަޖެހުމުގެ އިތުރަށް، ބުނެދޭން ނޭނގޭވަރުގެ ބޮޑު އުފަލެއް ލިބޭ ކަމެކެވެ. ބޭބެއެއް ހުރިއްޔާ އަވަހަށް ދުވަހުގެ ތަހުނިޔާ ކިޔާށެވެ. ނެތިއްޔާ މިއަދު އުމުުރުގެ ބާކީ އޮތްތަނުގައި ބޭބެ ކިޔާނެ ހިތްހެޔޮ، އޯގާތެެރި، ބޭބޭއެއްގެ ޒިންމާ ނެގޭނެ ވަރުގެ، ފަރާތެއް އާއިލާގެ ތެރެއިން ނަމަވެސް ހާއްސަކުރުމާމެދު ވެސް ވިސްނިދާނެއެވެ.

ކޮންމެއަކަސް މިއަދަކީ މެއި މަހުގެ 24 ވަނަ ދުވަހަކީ ދުނިޔޭގެ ބޭބެއިންގެ ދުވަސްކަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ބޭބެއިންނަށް، "ވަން"އިން، ވަރަށްވެސް ހޫނު މަރުހަބާއަކާއި ތަހުނިޔާއެއް ކިޔަމެވެ.