ވަކި ގައުމެއްގެ އުޅަނދެއްތޯ ނުބަލައި، ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަންނަ ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް ގާނޫނީ ފިޔަވަޅު އަޅަމުން ދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން ރަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ މަސްބޯޓު ފަހަރު ރާއްޖޭގެ ސަރަހައްދުންވެސް މަސް ނަގަމުން ގެންދާ އިރު ސަރުކާރުން ފިޔަވަޅުއަޅަމުން ނުދާ ކަމަށް ބުނެ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުރެއްވި ތުހުމަތުތަކަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އުތުރުން އިންޑިއާ އާއި ރާއްޖެ ހިއްސާކުރަނީ އެއް ބޯޑަރެއް ކަމަށާއި، އެ ދެމެދުގައި 200 މޭލު ނުހުންނަ ކަމަށެވެ.

އެއީ އެންމެ 30 އެތައް މޭލެއްގެ ސަރަހައްދެއް ކަމަށާއި، ބޭރުގެ ބައެއް މަސްބޯޓުތަކުން ރާއްޖޭގެ ސަރަހައްދަށް ވަންނަ ކަމުގެ ޝަކުވާ މަސްވެރިންގެ ކިބައިން ލިބޭ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ. ހަމަ އެގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ އުޅަނދުފަހަރުވެސް އޮޅިގެން އިންޑިއާ ސަރަހައްދަށް ވަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ ބޯޓުތައް ގިނަވުމުގެ ޝަކުވާއެއް ކޯސްޓްގާޑުން ފާހަގަކޮށްފައި ނެތް ކަމަށާއި، އަދި ގަވާއިދާހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރާކަމުގެ ޝަކުވާވެސް ކޯސްޓްގާޑުން ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނީގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލައްޓާ ބަޔަކީ ކޯސްޓްގާޑު ކަމަށެވެ.

ނަމަވެސް 2019 އޯގަސްޓް މަހުން ފެށިގެން މަސްވެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށިފަހުން ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަތް، އަށް އުޅަނދެއް ކޯސްޓްގާޑުން ހިފަހައްޓާފައިވާ ކަމަށާއި، އޭގެ ތެރެއިން މިނިސްޓްރީއާ ހަވާލު ކުރި ފަސް އުޅަނދަށް ގާނޫނީ ފިޔަވަޅު އަޅައިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.