ޚަބަރު

ޓީވީއެމް އިމާރާތުން ފެން ކަނޑާލީ ނޯޓިސް ފޮނުވުމުން ވެސް ބިލު ނުދައްކައިގެން، ޕީއެސްއެމުން ދިނީ ދޮގު މައުލޫމާތު!

މުހައްމަދު ޖަމްޝަތް ވަހީދު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމް ހިންގާ އިމާރާތުގެ ފެން ބިލު ނުދައްކައި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން އެ އިމާރާތުން މިއަދު ފެން ކަނޑާލައިފިއެވެ.

ޓީވީއެމް އިމާރާތުން މިއަދު ހެނދުނު ފެން ކަނޑާލި ނަމަވެސް، ޕީއެސްއެމުން ވަނީ އެކަން ދޮގުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ސްޕޯކްސްޕާސަން ޒާއިން މުހައްމަދު ޒަހީން "ވަން" އަށް ވިދާޅުވީ ބިލު ނުދައްކައިގެން ފެން ކަނޑާލި ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ހެނދުނު ގަޑީގައި ވަގުތީގޮތުން އެ އިމާރާތުން ފެން "ކެނޑުނު" ކަމަށާއި ނަމަވެސް އެއީ ބިލުތަކަށް ފައިސާ ނުދައްކައިގެން ނޫން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"ދޮގެއް އެއީ. މިތާ ބިލު ނުދައްކައިގެން ކަނޑައެއް ނުލައި. ފެން ޓެމްޕަރަރީކޮށް ދިޔަ. ބަޓް އިޓް ވޯޒް ނޮޓް ބިކޯޒް، އެއްކަލަ ބިލުތަކެއް. ދެޓް އިޒް އަ ލައި،" ޒާއިން ވިދާޅުވިއެވެ.

ޕީއެސްއެމުން އެކަން ދޮގުކުރި ނަމަވެސް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ވަނީ ބިލު ނުދައްކައިގެން މިއަދު ޓީވީއެމް ހިންގާ އިމާރާތުން ފެންކަނޑާލިކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް، ޕީއެސްއެމުން ނުދައްކާ އޮތް ބިލުތަކުގެ އަދަދެއް ޝާހު ވިދާޅެއް ނުވެއެވެ.

ޝާހު ވިދާޅުވީ ފައިސާ ނުދައްކާ ހުރި ބިލުތަކެއް ހުރުމުން ސިސްޓަމުގެ ތެރެއިން ޓީވީއެމް އިމާރާތަށް ފެން ކަނޑާލި ކަމަށާއި ފެން ކަނޑާލަން ޖެހުނީ ނޯޓިސް ފޮނުވައިގެން ވެސް ބިލަށް ފައިސާ ނުދެއްކުމުން ކަމަށެވެ.

"ފެން ކެނޑި. އެކަހަލަ ކަމެއް ދިމާވި. އެއީ ޓީވީ މޯލްޑިވްސް ވެގެނެއް ނޫން. އަޅުގަނޑުމެން އެހެނިހެން މުއައްސަސާތަކަށްވެސް ނޯޓިސް ދިނުމާއި ފެން ކެނޑުމާ އެބައި ހިނގާނެ ސިސްޓަމް ތެރެއިން ހިނގާ ކަމެއް ވީމަ. އޯވަޑިއު ބިލު ހުރެފައި ޑީފޯލްޓް ވީމަ އެހެން ދާނެ،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފެން ކަނޑާލުމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަމީމް ގުޅުއްވި ކަމަށެވެ. އަދި ޕީއެސްއެމްއަކީ ސަރުކާރުގެ ކުންފުންޏަކަށް ވުމުން ލުއި ދީ، އަލުން ފެނުގެ ހިދުމަތް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.