ޚަބަރު

އެމްއެމްސީގެ ހަފުލާއެއް ބައެއް ވެރިން ބޮއިކޮޓް ކޮށްފި

ރިފާ ހަލީލު

1

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފެށި ކޯޓް ރިޕޯޓިން ވޯކްޝޮޕް އިފްތިތާހުކުރުމުގެ ހަފުލާގައި ބައިވެރިވުމަށް ދައުވަތުދިން ދައުލަތުގެ ވެރިންތަކެއް އެ ހަފުލާ ބޮއިކޮޓް ކޮށްފިއެވެ.

އެމްއެމްސީގެ މެންބަރު މުހައްމަދު ޝަފާއު ހަސަން "ވަން" އަށް މިއަދު ވިދާޅުވީ ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ދެ ބޭފުޅުންވެސް އެ ޖަލްސާ ބޮއިކޮޓް ކުރެއްވީ ކަމަށް ވިދާޅުވިއެވެ.

ޝަފާއު ވިދާޅުވީ އެ ބޭފުޅުން އެ ޖަލްސާ ބޮއިކޮޓް ކުރެއްވީ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއަށް ކުރާ މަނީ ލައުންޑާ ކުރުމުގެ ތުހުމަތާއެކު ފުލުހުން އެ މައްސަލަ ބަލަމުންދާތީ ކަމަށެވެ. އަދި ޝަހުބާން އަދިވެސް އެމަގާމުގައި ހުންނެވުމުން ހަފުލާގައި އެ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ބޭނުން ނުވީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ކޮންމެ މީހަކަށް ގުޅިޔަސް އެބަ ބުނޭ ޕޮންޒީ އޭ. ދެން ވިސްނާލާ އެ ބޭފުޅުން ޝަހުބާނާއެކު ފޮޓޯއެއް ނަންގަވައިފިއްޔާ ޕަބްލިކް ދެކޭނެ ގޮތް. އަޅުގަނޑު ގަބޫލު ކުރަނީ ޝަހުބާން އެތަނުގައި ހުރުމުންނޭ އެބޭފުޅުން އެންމެ ފަހު ވަގުތު ޖަލްސާއަށް ނުދެވޭނެ ކަމަށް ބުނެ ބޮއިކޮޓް ކުރެއްވީ. ކޮންމެ ގޮތެއްވިޔަސް އެމްއެމްސީ ތަމްސީލު ކުރާނީ އެތަނުގެ ރައީސް ދެއްތޯ." އޭނާ ވިދާޅުވިއެވެ.

ޝަފާއު އިތުރަށް ވިދާޅުވީ ޕީޖީ ހުސައިން ޝަމީމްވެސް ވޯކްޝޮޕް ފެށުމުގެ ހަފުލާގައި ބައިވެރިވެވަޑައިނުގަންނަ ކަމަށާއި ނަމަވެސް ސެޝަން ނަންގަވައިދެއްވުމަށް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެކަމާ ގުޅިގެން ޝަހުބާނަށް "ވަން" އިން ގުޅައިލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ މެސެޖުކުރުމުން ޕީޖީ ޝަމީމް ސެޝަން ނަންގަވައިދެއްވަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކު އެމްއެމްސީން ކޮށްފައިވާ ޓުވީޓެއްގެ ލިންކު އޭނާ ފޮނުއްވިއެވެ.

ޝަފާއު ވިދާޅުވީ ޝަހުބާން އެ މަގާމުން ދުރުކުރުމަކީ އެމްއެމްސީގެ ގާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ އެމްއެމްސީގެ މެމްބަރުކަމުން ވަކި ކުރުމަށް ބާކީ ތިބި މެމްބަރުންނަށް ހުށަހެޅިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަގީގަތުގައި ޝަހުބާނަށް އެކަހަލަ ދެރައެއް ދޭކަށް ބޭނުމެއް ނޫން. އަސްލު ނޫސްވެރިންނަކީވެސް އަދި ނޫސްވެރިންގެ ބެލެނެވެރިކަން އޮންނަ މީހުންނަކީވެސް ވަރަށް ނަޒާހާތްތެރިވާންޖެހޭ ބައެއް. މިހާރު ޝަހުބާން އެ މަގާމުގައި ހުންނަންޏާ ނަޒާހަތްތެރިއަކަށް ވާންޖެހޭ. އެކަމަކު ވަރަށް ބޮޑު ތުހުމަތެއް ކުރެވި އެކަން ފުލުހުން ބަލަމުން މިދަނީ. އަސްލު އެމްއެމްސީގެ ގާނޫނަކު ނޯވޭ ރައީސަކު ވަކި ކުރެވެން. އޮންނަނީ މެމްބަރުކަމުން ވަކި ކުރަން. އެގޮތަށް ވަކި ނުކުރަން މިތިބެނީ. އެންމެ ރަނގަޅު ގޮތަކީ އޭނާ އަމިއްލައަށް އިސްތިއުފާ ދިނުން." އޭނާ ވިދާޅުވިއެވެ.

ޝަހުބާނާއި އޭނާގެ ބޭބެ އަލްހާން ފަހުމީ ހިއްސާވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގި، "ކިންގްސް ފޮރެކްސް" ސްކީމަކީ ޕޮންޒީ ސްކީމެއް ކަމަށް ދައުލަތުގެ އިދާރާތަކުން ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ. އަދި މަނީ ލޯންޑަރިންގެ ތުހުމަތު ޝަހުބާނާއި އަލްހާނަށްވެސް ވަނީ ކޮށްފައެވެ. އެކަމަށް ޝަހުބާން ވަނީ އިންކާރުކޮށްފައެވެ.

ޝަހުބާނަށް ކުރެވުނު ތުހުމަތާއެކު ގިނަ ނޫސްވެރިން ދަނީ އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބުނަމުންނެވެ. އެގޮތުން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަދި މިހާރު "އަދަދު” ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ރީތިގޮތުގައި ޝަހުބާން އިސްތިއުފާ ދިނުމަށް ގޮވާލައްވައިފައެވެ.