ހޭންޑްބޯލް

ޖުމުލަ 15 ޓީމަކާއެކު އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ ފަށައިފި

ޖުމުލަ 15 ޓީމަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022 ފަށައިފިއެވެ.

އައިޔޫއެމްއެސްޔޫ އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖު އަދި ހައި ސްކޫލުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ މުބާރާތް ފެށީ ރޭ ގައުމީ ހޭންޑްބޯލް ދަނޑުގައެވެ. އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ހަތް ޔުނިވާސިޓީ/ކޮލެޖެއްގެ އިތުރުން ހައި ސްކޫލަކުން ބައިވެރިވިއެވެ. ޔުނިވާސިޓީ/ކޮލެޖުތަކުން ބައިވެރިވެފައިވަނީ އިސްލާމީ ޔުނިވާސިޓީީގެ ދަރިވަރުންގެ ގުޅުން, ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން, ވިލާ ކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަން, މެޕްސް ކޮލެޖު, ކުލިކު ކޮލެޖު, މޯލްޑިވްސް ބިޒްނަސް ސްކޫލު އަދި އެމްއައި ކޮލެޖެވެ. މުބާރާތުގައި ބައިވެރިވި ހައި ސްކޫލަކީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

އެ މުބާރާތުގެ ފިރިހެން ބައިގައި ހަތް ޓީމު އަދި އަންހެން ބައިގައި އަށް ޓީމު ވާދަކުރާނެވެ. ފިރިހެން ބައިގެ ގްރޫޕު އޭގައި ހިމެނެނީ އެމްއައި ކޮލެޖާއި ސީއެޗްއެސްއީ އާއި ކުލިކު ކޮލެޖު އަދި އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމެވެ. އަދި ގްރޫޕު ބީގައި ހިމެނެނީ ވިލާ ކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި މެޕްސް ކޮލެޖެވެ.

މުބާރާތުގެ އަންހެން ބައިގެ ގްރޫޕު އޭގައި ހިމެނެނީ ވިލާ ކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި މޯލްޑިވްސް ބިޒްނަސް ސްކޫލާއި ސީއެޗްއެސްއީ އަދި މެޕްސް ކޮލެޖެވެ. އަދި ގްރޫޕު ބީގައި ހިމެނެނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި އެމްއައި ކޮލެޖާއި ކުލިކު ކޮލެޖު އަދި އިސްލާމީ ޔުނިވާސިޓީީގެ ދަރިވަރުންގެ ގުޅުމެވެ.

އެ މުބާރާތުގައި ރޭ ކުޅުނީ ފިރިހެން ބައިގެ މެޗަކާއި އަންހެން ބައިގެ މެޗެކެވެ. ފިރިހެން ބައިގެ މެޗުގައި ވިލާ ކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނުން ވަނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މައްޗަށް ކުރި ހޯދައިފައެވެ. އަދި އަންހެން ބައިގެ މެޗުގައި އެމްއައި ކޮލެޖުގެ މައްޗަށް ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ކުރި ހޯދައިފައެވެ.

އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުޅިވަރު ސެކްރެޓަރީ އަހުމަދު ވަފާދު ހިލްމީ މީޑިއާތަކަށް ވިދާޅުވީ އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ހޭންޑްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން އުފެއްދުން ކަމަށާއި އަދި ގިނަ އަހަރުތަކެއް ވަންދެން އިންޓަ ކޮލެޖު ހޭންޑްބޯލް މުބާރާތް ނުބޭއްވި އޮތުމުން އަލުން އެ މުބާރާތް ބޭއްވުން ކަމަށެވެ.

"ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ކުޅިވަރު. އަދި ގިނަ އަހަރުތަކެއްވެއްޖެ އިންޓަ ކޮލެޖު ހޭންބޯލް މުބާރާތް ނުބާއްވާތާ. އެހެންވެ އަޅުގަނޑުމެން ހޭންޑްބޯލް އެސޯސިއޭޝަނާ މަޝްވަރާކޮށް ނިންމީ މި މުބާރާތް އިންތިޒާމުކުރަން. މި މުބާރާތުގެ އެންމެ މުހިންމު މަގުސަދަކީ ހޭންޑްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން އުފެއްދުން," ވަފާދު ވިދާޅުވިއެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާގައި މިއަދު ހަވީރު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:15ގައި ކުޅޭ ފިރިހެން ބައިގެ މެޗުގައި ބައްދަލުކުރާނީ ކުލިކު ކޮލެޖާއި އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމެވެ. އަދި މިއަދު ހަވީރު 5:15ގައި ކުޅޭ އަންހެން ބައިގެ މެޗުގައި ބައްދަލުކުރާނީ ސީއެޗްއެސްއީ އާއި މެޕްސް ކޮލެޖެވެ.