ސްރީލަންކާގެ ވަގުތީ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންނަށް ގައުމުގެ ހާލަތު އޮޅުންފިލުވައި ދެއްވުމަށް މިހަފުތާގެ ހޯމަދުވަހުގެރޭ ވަނީ ގައުމާއި މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ގައުމުގެ މިހާރުގެ ހާލަތާއި އެ ހާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް ރަނިލް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ރަނިލްގެ ވާހަކަފުޅުން އޮޅުންފިލި އައު ކަންކަމަކީ ކޮބައިބާވަައެވެ. ސްރީލަންކާ މިހާރު ވެއްޓިފައި އެވަނީ ކިހާ ފުންވަޅުގަނޑެއްގެ ތެރެއަށް ބާވައެވެ. ސްރީލަންކާ މިހާރު އެއޮތީ ދުވަހަކުވެސް ނުވެއްޓޭވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. އެހެންވީމާ ރަނިލްގެ ވާހަކަފުޅުން ފާހަގަ ކުރެވުނު މުހިއްމު ނުގުތާތަކަށް ބަލައިލަމާބަހީއެވެ.

ފައިސާ ޗާޕްކުރުން ނޫންގޮތެއް ނެތެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވިއެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދެވޭނޭ މިންވަރަށްވެސް ޚަޒާނާގައި ލާރިއެއްނެތެވެ. މުސާރަދެވޭނޭ ފަދައެއްވެސް ނެތެވެ. އެހެންވީމާ ސަރުކާރަށް ދެން އޮތީ އެންމެ ގޮތެކެވެ. އެއީ މަރުކަޒީ ބޭންކަށް އަންގަވައިގެން ފައިސާ ޗާޕުކޮށްފައި މުސާރަ ދިނުމެވެ. ފައިސާ ޗާޕުކުރުމަކީ ކިހައިވަރެއްގެ ކަމެއްކަން މޭރުންވެއެވެ. އެކަމުން ނުކުންނާނޭ ނަތީޖާއަކީ ފައިސާގެ އަގު ވެއްޓުމެވެ. އިންފްލޭޝަން މައްޗަށް ދިއުމެވެ. ނޫޓުތަކުގައި ޖަހަންޖެހޭ އަދަދުގެ ފަހަތަށް ސުންތަކެއް އިތުރުކުރާން ޖެހުމެވެ. އެކަމަކު މިނޫންގޮތެއް ނެތެވެ. މުސާރަދިނުމާއި އެހެނިހެން ޚިދުމަތް ދިނުމަށްވެސް މިނޫން އެހެން އެއްވެސް ދޮރެެއް ނެތެވެ. މިއީ ރުހުމުގައިހުރެ އުފަލުން ކުރާންޖެހޭ ކަމެއް ނޫނެވެ. މިއީ މަޖްބޫރުވެގެންހުރެ ނުރުހުމުގައި ކުރާންޖެހޭ ކަމެކެވެ.

ޕެޓްރޯލާއި ޑީސަލެއް ނެތެވެ.

ރަނިލް ވިދާޅުވިއެވެ. ރައްޔިތުންނޭވެ. މި ގައުމުގައި ޕެޓްރޯލާއި ޑީސަލެއް ނެތެވެ. ހުރިއެއްޗެއް ވިއްޔާ ހުރީ އެންމެ ދުވަހަކަށް ފުދޭވަރަށެވެ. ގައުމު މިވަނީ ހަގީގީ މާނައިގައި ތެލަށް ޖެހިފައެވެ. ކާރާއި ބަހާއި ރިކްޝާތަކުގެ ދަތުރުތައް ހުއްޓާލައި އުޅަނދުތައް ޕާކްކުރަންޖެހޭ ހާލަތު އަތުވެއްޖެއެވެ. މިދަތިކަން އަދިވެސް އޮތީ ބޮޑުވުމެވެ. ހަމަޔަކަށް އެޅެން ވަގުތު ބޭނުންވާނެއެވެ. އިންތިޒާރުގައި ހަތަރުފަސްމަހެއް ނުވަތަ އެޔަށްވުރެ ދިގު މުއްދަތެއްގައިވެސް ތިބެންޖެހިދާނެއެވެ. މިހާރަށްވުރެ ވޭންތަކާއި ތުރާތައް ބޮޑުވެސްވެދާނެއެވެ. ހައްލަކާއި ހަމަޔަށް ދެވޭނީ ދަތިކަމަށްފަހުގައެވެ. މިކަމަަށް ޖާދޫގެ ހައްލެއް ނެތެވެ. އިންޑިޔާގެ ކްރެޑިޓް ލައިނުގެ ދަށުން ތެޔޮލިބޭނެއެވެ. އެކަމަކު އެއީ އެންމެންގެ ބޭނުންތަކަށް ފުދިއިތުރުވާ މިންވަރެއް ނޫނެވެ. އެހެންވީމާ ރައްޔިތުން ކެތްތެރިކަން އިސްކުރާށެވެ.

ރައްޔިތުން ބަނޑަށް މަރުވިޔަކަ ނުދޭނަމެވެ.

ރަނިލް ވިކްރަމަސިންހާ ވިދާޅުވިއެވެ. އުޅަނދުތަކަށް ތެޔޮއެޅޭނޭ ގޮތެއް ނެތިގެން ދަތުރުފަތުރު ހުއްޓުނަސް ރައްޔިތުން ބަނޑަށް މަރުވިޔަކަ ނުދޭނަމެވެ. ވެރިރަށް ކޮޅުނބު އެކަންޏެއް ނޫނެވެ. އެންމެ އުތުރުން ޖަފްނާއިން ފެށިގެން އެންމެ ދެކުނުން ވެލިގަމަޔާއި ހަމަޔަށް އެއްވެސް ރަށެއްގެ އެއްވެސް ގެއެއްގެ އެއްވެސް އާއިލާއެއް ހާންތިކަމުގައި ތިބެގެން ނިދާކަށް ނުޖެހޭނެއެވެ. ކޮންމެ ދުވަހަކު ތިންއިރު ކެވޭނޭ ގޮތް ސަރުކާރުން ހަމަޖައްސައިދޭނެއެވެ. އެއީ ކޮންމެ ގޮތެެއް ހަދައިގެން ކޮންމެ އަގެއް އަދާކޮށްގެންވިޔަސް ސަރުކާރުން ކުރާނޭ ކަމެކެވެ. ގައުމުގައި ފުޅާކޮށް ހައިހޫނުކަން ފެތުރި އެތައް ބަޔަކު މަރުވާނެ ކަމަށް ހީނުކުރާށެވެ. އަރާމު ތަނަވަސް ދިރިއުޅުމެއް މިވަގުތުން މިވަގުތަށް ހޯދައިނުދެވުނަސް ރައްޔިތުން ބަނޑަކަށް ނުޖެހޭނެއެވެ. ކާޑުބަލި އާއްމެއް ނުވާނެއެވެ.

ސްރީލަންކަން އެއަރލައިންސް ވިއްކައިލާނަމެވެ.

ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ތެރެއިން ގައުމީ އެއަރލައިންގެ އޮޕަރޭޝަންތައް ދެމެހެއްޓުމަކީ ނުއުފުލޭވަރުގެ ބޮޑު ބުރަޔަކަށް ވަނީ ވެފައެވެ. އެހެންވީމާ މިކަމަށް ހައްލެއް ހޯދުމާއިމެދު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވިއެވެ. ކޮވިޑުގެ ކުރިންވެސް އަދި ކޮވިޑުގެ ތެރޭގައިވެސް ސްރީލަންކަން އެއަރލައިންސުން ފައިދާގެ ބަދަލުގައި ކުރިމަތިވަމުން އައީ ގެއްލުމެވެ. ހުސްވި 2021 ވަނަ އަހަރުގެ މާޗްމަހު އެންމެ ފަހުން މާލީ ރިޕޯޓް ނެރުނުއިރު އޭގެ ކުރީއަހަރު އެކަނިވެސް 130 މިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. އެހެންވީމާ ސަރުކާރުގެ ވިސްނުމަކީ އަދި ޕްލޭނަކީ ސްރީލަންކަން އެއަރލައިންސް ޕްރައިވެޓައިޒް ކުރުމެވެ. ވިއްކާލުމެވެ. ދައުލަތް މި ވިޔަފާރީގެ ތެރެއިން ނުކުތުމެވެ. ބުރަކަށިމަތިން މިބުރަ ބޭލުމެވެ.

އެންމެންގެ އެހީތެރިކަން ބޭނުމެވެ.

ބައިނަލްއަގުވާމީ ކުންފުނިތަކުގެ ތެރެއިން މިކަމަށް އެދޭ އެންމެ ރަގަޅު އެންމެ އިތުބާރު އަދި ތަޖުރިބާވެސް އެންމެ ބޮޑު ބަޔަކަށް އެއަރލައިން ވިއްކާލުމަށް ނިންމާފައިވާ ކަމަށް ރަނިލް ވިދާޅުވިއެވެ. މިކަންހާމަ ކުރެއްވުމާއެކު ރަނިލް ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސެއް ވެސް ކުރައްވައިފައެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކާއި މާލީ އިދާރާތަކުން މިދަނޑިވަޅުގައި ސްރީލަންކާ އާއި ސްރީލަންކާގެ ރައްޔިތުންނަށް އެކިގޮތްގޮތުން އެހީތެރިވުމަށް ރަނިލް ގޮވައިލެއްވިއެވެ. ވިދާޅުވިއެވެ. ހަގީގީ ރަހުމަތްތެރިންނަކީ ބޭނުންޖެހިފައިވާ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނެވެ. މިއީ އެހީތެރިކާއި އެއްބާރުލުން އެންމެ ބޭނުންވާ ވަގުތެވެ. މި އެހީތެރިކަމާއެކު މި އަނދަވަޅުން ސްރީލަންކާ އަރައިގަންނާނެ ކަމަށާއި އެކަމާމެދު ޝައްކެއްވެސް ނެތްކަމަށް ރަނިލް ވިދާޅުވިއެވެ.