ލައިފް ސޮފްޓް ސްކިލްސް އަކީ ކޮބާހެއްޔެވެ؟ އަޑުއެހިން ހެއްޔެވެ. ކުރިންވެސް އެނގޭ ބަހަކަށްވެސް ވެދާނެއެވެ. ނުވަތަ މިއީ އިވުނަސް ކޮންއެއްޗެއްކަން ނޭނގޭ ބަހަކަށް ވެސް ވެދާނެއެވެ. ސޮފްޓް ސްކިލްސް، ނުވަތަ ލުއިހުނަރަކީ ހަޔާތުގައި ނުވަތަ އާންމު ދިރިއުޅުމުގައި އުޅޭ އުޅުމުގައި، ވަޒީފާގެ ރަސްމީ މާހައުލުގައި، އަދި ގޭތެރޭގެ މާހައުލުގައިވެސް، ޖުމްލަގޮތެއްގައި އުޅޭއުޅުމުގައި ހުރިހާ ވަގުތުތަކުގައިވެސް، ބޭނުން ކުރެވޭނެ، ޓެކްނިކަލް، ނޫނީ ވަޒީފާއާ ގުޅޭފަދަ ރަސްމީ އެއްވެސް ކަމެއް ނުހިމެނޭ ކަންތަކެވެ. މީގެ ތެރޭގައި ހިމެނެނީ ރަނގަޅު، ތެދު ފިކުރާއި ތެދު ސީދާ އުޅުމާއި ސޯޝަލް ނުވަތަ މީހުންގެތެރޭގައި އުޅުމާއި އަމިއްލަ ނަފުސީ ކަންތައްތަކެވެ. މިއީ ތިމާއާއި އެހެން މީހުންނާއި އޮންނަ ގުޅުންތަކާއި ދިރިއުޅުމުގައާއި މަސަައްކަތް ކުރުމުގައި ތިމާގެ ކަންތައްތައް ހުރިނެތްގޮތް ދެނެގަނެ އެކަންތައް ކުރިއަށް ޖައްސާނެ ގޮތުގެ ހުނަރުތަކެވެ.

މީގެ އިތުރުން، ހާއްސަ ބައެއް އެހެންހުނަރުވެސް ހުރެއެވެ. މިގޮތުން، ކުޑަކުދިންނަށް ހާއްސަ، ކޮންމެހެންވެސް ދިރިއުޅުމުގެ މުހިންމު 5 ހުނަރަކަށް ނުވަތަ 5 އެސެންޝިއަލް ލައިފް ސްކިލްސް އެންމެ ފުރަތަމަ ބަލައިލަމާ ހިނގާށެވެ.

  • ސްކޫލަކީ ކުއްޖާއަށް ވަރަށްވެސް މުހިންމުވާނެ ކަންތައް ދަސްވެ ދެނެގަނެވޭ ތަނެކެވެ. މިއީ ތަފާތު އިހުސާސްތަކުގެ އެނބުރޭ ބުރެއްކަހަލަ ތަނެކެވެ. ސްކޫލަކީ ކުއްޖާގެ ތަފާތު އިހުސާސްތަކަށް އަސަރުފޯރުވައި، ބާރުހިންގާ އެންމެ މުހިންމު، އެންމެ ވަރުގަދަ ހުނަރު ލިބޭ، ދަސްވާ ތަނެވެ.
  • ފައިސާ ގެންގުޅޭނެ ގޮތުގެ ހުނަރު، ކުޑަކުދިންގެ 'ޕިގީ ބޭންކް' ނުވަތަ އެކުދިން ވަކިލާރި ރައްކާކުރުމަށާއި އެވަކި ލާރި ގެންގުޅެން ދަސްކޮށްދިނުމަކީ އެކުދިންގެ ދިރިއުޅުމުގައި ފައިސާ ގެންގުޅުމުގެ ހުނަރު އަށަގެންނެވުމުގެ ފުރަތަމަ ފިޔަވަޅެވެ.
  • ކޮންމެ ދުވަހެއްގެވެސް ވަކި ތާވަލެއް ހަދައި، ދުވަސް ހޭދަކުރުމުގެ ހުނަރު އަށަގެންނެވުން މުހިންމެވެ.
  • ވާހަކަދެއްކުން، އެކަކު އަނެކަކާ މުއާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްދިނުން، މިއީ އަދުގެ ޖީލުތަކުން ފެންނަ އެންމެ ބޮޑު މައްސަލައެވެ. ކޮންމެ ކަމެއްވެސް ވާހަކަ ދައްކައި، ހިޔާލު ބަދަލުކޮށްގެން ހައްލު ކުރެވިދާނެއެވެ. އެކަން ކުދިންނަށް ބުނެދީ، އާދަކުރުވާށެވެ.
  • ތަފާތު، ނުރައްކާތެރި ވިސްނުންތަކުގެ ހުނަރު ބުނެދިނުން، އާންމުކޮށް ނުރައްކާތެރި ވިސްނުންތަކުގެ ހުނަރަށް ސަމާލު ނުވެވުމުން ކުދިން ތަފާތު، ނުރައްކާތެރި ކަންތައްތައް ތަޖުރިބާ ކުރަން ބޭނުންވުމުގެ ހިތި ނަތީޖާއަކަށް، މަސްތުވާތަކެތީގެ އަޖުމަ ބެލުން، ނުރައްކާތެރި ހަމަލަ ދީގެން އެކަމުގެ އަޖުމަ ބެލުން ފަދަ ކަންތަކަށް ކުއްޖާ ހޭނިގެން ދިއުން ހިމެނެއެވެ.

ފަސޭހަ، އާދައިގެ ހުނަރުތަކުގެ މުހިންމުކަމަކީ ކޮބައިބާވައެވެ. އެހެންމީހުންގެ ތެރޭގައި އުޅެން ފަށައިގެން، މުޖުތަމައުގައި ކަންތައްތަކާއި ކުރިމަތިލާން ޖެހޭ ފަހަރުތަކާއި އެކަންތައްތަކުގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލު ކުރުމާއި، ކަންތައްތަކުގެ ނަތީޖާ ދެނެގަތުން ފަދަ ހުނަރުތައް ދަސްކުރެވޭނެއެވެ. ހަމައެހެންމެ ލުއި ފަސޭހަ ހުނަރުގެ ސަބަބުން ކޮންމެ ދުވަހެއްގެވެސް ދިރިއުޅުން ނުހަނު ބޮޑަށް ފަސޭހަ ވެގެންދާނެއެވެ.

ތިރީގައި މި ހިމަނައިލަނީ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައިވެސް ބޭނުންކުރަން ފަސޭހަ، ލުއި ހުނަރުތަކެވެ.

  • ދިމާވާ ކުދި، ބޮޑު ހުރިހާ މައްސަލަތައް ހައްލުކުރުމުގެ ލުއި ހުނަރު/ ދިމާވާ ކަންތައްތައް ހައްލުކުރުމަށް އެނގުމުން އެހެން މީހަކާ ނުލައި އަމިއްލައަށް ކުރިއަށް ދާން ނުހަނު ބޮޑަށް ފަސޭހަވެގެންދާނެއެވެ.
  • އިހުސާސްތަކުގައި ހަރުދަނާވުމަށް ފަސޭހަ ހުނަރު/ ތިމާގެ އަމިއްލަ އިހުސާސްތަކަށް ތިމާއަށް ބާރުފޯރުވަން އެނގުމަކީ އަނެކުންގެ ގޮނޑިކޮއްކޮއަކަށްވުމުން ސަލާމަތްވާ ކަމެއް.
  • ލީޑާޝިޕް ހުނަރު/ ލީޑާޝިޕް ނުވަތަ ކަންތަކުގައި އިސްވެގެން އެހެންމީހުން ގޮވައިގެން ހިންގުންތެރިކަމާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމާއި އަވަސްކަމާއެކު އަނެކުންގެ އިތުބާރު ލިބި، ފަސޭހަކަމާއެކު ތަރައްގީވާ ކަމެއް.
  • އަނެކުންނަށް އޯގާތެެރިކަމާއެކު ހަމްދަރުދީވުމުގެ ހުނަރު/ ކޮންމެ ތަނެއްގައިވިޔަސް އެތަނެއްގައި ތިބޭ އެހެން މީހުންނަށް އޯގާތެރިކަމާއެކު ހަމްދަރުދީއާއި ހެޔޮކޮށްހިތުމަކީ ތިމާއާމެދު އަނެކުންގެ ހިތުގައި މަގާމު އުފެދި ދަރަޖަ މަތިވާކަމެއް
  • އެކުގައި މަސައްކަތްކުރުން، ގުޅިގެން އެކުވެރި މާހައުލެއްގައި މަސައްކަތްކުރުމަކީ ތަނުގައި އުޅުމަށް ފަަސޭހަވެގެންދާނެ ކަމެއް
  • ތިމާއަކީ ވާހަކަ ދައްކާ މީހަކަށްވުރެ އަޑުއަހާ މީހަކަށް ވާށެވެ. އަނެކުންގެ ވާހަަކަ އަޑުއެހުމަކީ އެމީހުންގެ އިތުބާރާއި ޔަގީންކަން ލިބޭނެކަމެކެވެ.

މިފަދަ ކިތަންމެ ލުއިހުނަރުތަކެއް ހުރެއެވެ. އެހެންނަމަވެސް އާންމު ދިރިއުޅުމުގައި ގިނަފަހަރު ކާމިޔާބު އަދި މީހުންގެ އިތުބާރުލިބޭ މީހަކަށްވުމަށްޓަކައި ބޭނުން ކުރެވޭ އުކުޅުތަކަކީ ނުވަތަ ހުނަރުތަކަކީ މިއީއެވެ. އަމިއްލައަށް ތިމާ ބޭނުންވާ ގޮތް ވިސްނާލާށެވެ.. އަދި މިފަދަ ކަންތައް އާދަތަކުގެ ތެރޭގައި އަބަދުވެސް ހިމަނައިގެން ގެންގުޅޭށެވެ، އަދި ދަރިފުޅު ނުވަތަ ގެންގުޅޭ ކުދިންނަށް އެކުދިންގެ ލުއި ހހުނަރުތައް ބުނެދީ، އާދަކުރުވާށެވެ.