ޚަބަރު

މަޓާޓޯގެ އަހަރީ އާންމު ޖަލްސާ ޖޫން މަހު ބާއްވަން ނިންމައިފި

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ 2022 ވަނަ އަހަރުގެ އާންމު ޖަލްސާ އަންނަ ޖޫން ހަތަރެއްގައި ބާއްވަން ނިންމައިފިއެވެ.

އާންމު ޖަލްސާއާ ބެހޭގޮތުން މަޓާޓޯއިން މިދިޔަ ހޮނިހިރު ދުވަހު އާއްމުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ މިޖަލްސާ ބާއްވުމަށް ހަމަޖެހިފައިވަނީ 04 ޖޫން 2022 ވާ ހޮނިހިރު ދުވަހު ކަމަށާއި ޖަލްސާ ބާއްވާ ތަނާއި، ގަޑި ފަހުގެ ތާރީހެއްގައި މެމްބަރުންނާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި މިޖަލްސާގައި ކުރިއަށްއޮތް ދެއަހަރަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުން އޮންނާނެކަމަށް އެ ނޯޓިސްގައި ބުނެފައިވެ އެވެ.

އެ ނޯޓިސްގައި ބުނެފައިވާގޮތުން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރުމަތި ލެވޭނީ 2022 ވަނަ އަހަރުގެ ޗަންދާ 31 މޭއި 2022 ވަނަ ދުވަހުގެ

ކުރިން ދައްކާފައިވާ އަދި ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރުގައި ޓްރަވެލް އެޖެންސީގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި ފަރާތްތަކަށެވެ.

  • މަޓާޓޯގެ ހިންގާކޮމިޓީގެ އިންތިހާބަށް ކުރުމަތިލެވޭ މަގާމުތައް:
  • ރައީސް، 1 މަގާމް
  • ނައިބު ރައީސް، 2 މަގާމް
  • ޚަޒާންދާރު، 1 މަގާމް
  • ހިންގާ ކޮމިޓީގެ މެމްބަރުން، 5 މަގާމް

މަޓާޓޯގެ ހިންގާކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމިއްޔާގެ އާއްމު މެންބަރުނަށް ވަނީ ހުޅުވާލައިފައެވެ. އަދި އެމަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން 01 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅާ ފޯމް އެ ޖަމިއްޔާގެ ސެކެޓްރިއޭޓަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވުމަށް އެ ނޯޓިސްގައި ވަނީ ބުނެފައެވެ.