ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެޭގައި އިންޑިއާ އައުޓު ސްޕްރޭކޮށް ގެއްލުންދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިނިސްޓަރު މާރިޔާގެ ގެ ކޮޅުގައި ސްޕްރޭ އިން އިންޑިއާ އައުޓު ޖެހި މައްސަލަ އެއްވެސް މީހަކު ހުށަހަޅާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް ބަލަމުން އަންނަ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާއިރު ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެޭގެ ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭއިން ލިޔެފަ އެވެ.

ކަރުދާސްތައް އަޅަމުންދާ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެ މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިއާ އައުޓްގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ އެއްވުންތަކާއި ބެނާތައް ދެމުމާއި ގްރެފިޓީ ކުރެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަރާރެއްވެސް ނެރުއްވައިފައެވެ. އެ ގަރާރު ބާތިލުކަމަށް ކަނޑަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.