Close
ޚަބަރު

ފެލިދޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުން ލަސްވަނީ، ރަށު ކައުންސިލަށް ފޮނުވި ކޮންސެޕްޓް ނުލިބޭތީ: މިނިސްޓަރު

1

ވ.ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ނުފެށި ލަސްވަނީ، ރަށު ކައުންސިލަށް ފޮނުވި ކޮންސެޕްޓް ލިބިފައިނުވާތީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ޕީއެސްއައިޕީގައި ހިމެނިފައިވާއިރު މަސައްކަތް ނުފެށި ލަސްވާ ސަބަބު ހޯއްދެވުމަށް ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ފެލިދޫގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކޮންސެޕްޓެއް ތައްޔާރުކޮށް 20 އޭޕްރީލް 2022 ގައި ރަށު ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. ދެން އެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ރަށުކައުންސިލުން އެ ފާސްކޮށް ތައްގަނޑު ޖަހައި މިނިސްޓްރީއަށް ފޮނުވުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ދަށުން އީއައިއޭ މަރުހަލާއާއި ޓެންޑަރިންގ މަރުހަލާ ކުރިއަށް ގެންދެވޭނީ ރަށު ކައުންސިލުން ދޭ ޖަވާބަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލުން ޖަވާބު ދިނުމަށްފަހު އެކަން ކުރިއަށްގެންދަން ކިހާ މުއްދަތެއް ނަގާނެތޯ، އޮޅުންފިލުވުމަށް މެންބަރު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އީއައިއޭ އާއި ޓެންޑަރިންގ މަރުހަލާއަށް ތިން މަސް ދުވަސް ހޭދަވާ ކަމަށެވެ.

ފެލިދޫ ކައުންސިލުން ތައްގަނޑު ޖެހުމަށްފަހު އެ ޑޮކިއުމެންޓް ވީހާ އަވަހަކަށް ފޮނުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟