ދުވަސްވެ ބާވެފައިވާ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.
ހުރަވީ ބިލްޑިންގު ތަޅާލައި އެތަނުގައި ޕާކިން ޒޯނެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމީ މިއަހަރު ޖެނުއަރީ މަހުގަ އެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ އެތަން ތަޅާލައިއެތަނުގައި ޕާކިން ޒޯނެއް އަޅަން ނިންމާފައިވަނީ އެ ސަރަހައްދުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ދިމާވެފައިވާ ޕާކިން މައްސަލަ އަށް ހައްލު ގެނައުމަށް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ ހުރަވީ ބިލްޑިންގު ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.
އަކުރަމް ވިދާޅުވީ މި މަސައްކަތަކީ މިނިސްޓްރީން ހަރަދުކޮށްގެން ހިންގާ މަސައްކަތެއް ނޫން ކަމަށާއި މި މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި އަންނަ މަހުގެ މެދުތެރޭގައި ހުރަވީ ބިލްޑިންގު އެއްކޮށް ތަޅައި ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު އެތަން ތަޅާލުމުގެ މަސައްކަތް އެދަނީ ކުރިއަށް. އަންނަ މަހު މެދެއްހާ ހިސާބުގަ އެއްކޮށް ނިންމާލެވޭނެ ކަމަށް މި ބަލަނީ. ނިންމާލީމަ އެނގޭނީ ޕާކިން ޒޯނުގެ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން." އޭނާ ވިދާޅުވި އެވެ.
ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް އިމާރާތެކެވެ. ހުރަވީ ބިލްޑިންގ ހުސްކޮށް، އެތަނުގައި ހުރި ސަރުކާރުގެ އިދާރާތައް އެހެން ތަނަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ނިންމިއެވެ.
ނަމަވެސް އެ އިމާރާތުގައި ހިންގަމުން ގެންދިޔަ ސަރުކާރުގެ އޮފީސްތައް ބަދަލުކުރާނެ ތަނެއް ނެތުމުގު ސަބަބުން އިމާރާތުގައި ބާވެ ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާ ތަންތަން މަރާމާތުކޮށްގެން ސަރުކާރުން އައީ އެ އިމާރާތް ބޭނުން ކުރަމުންނެވެ. އެކަމަކު މިހާރު އެ އިމާރާތުގައި ހިންގާ އޮފީސްތައް ވަނީ އެހެން އިމާރާތްތަކަށް ބަދަލުކޮށްފަ އެވެ.
އިމާރާތް ބާވެގެން ގޮސް 2019 ވަނަ އަހަރުގެ އެ އިމާރާތުގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށްވެސް ގެއްލުން ލިބުނެވެ.