ދުނިޔެ

އަދުގެ ދުނިޔެ: ޓައިގަރުންނަށް ދެން ފޮނުއަރުވާކަށް ފުރުސަތެއް ނުލިބޭނެއެވެ.

އިމާދު ލަތީފު

ސްރީލަންކާއަކީ ދިވެހިރާއްޖެއާ އެންމެ ގާތުގައި އޮންނަ ދިވެހީން އެންމެ އިތުބާރުކުރާ އަވަށްޓެރިޔާއެވެ. އެންމެ އިހަށް އެއީ ދިވެހީންގެ އޮޅުދޫކަރައެވެ. ސަރަންދީބެވެ. ސިލޯނެވެ. މިހާރު ސްރީލަންކާއެވެ. ކޮންމެ ދުވަސްވަރެއްގައި ކޮންމެ ނަމެއްކިޔަސް ދެގޮތެއްނުވެ ދެމިއޮންނަނީ ދެގައުމުގެ އެކުވެރިކަމެވެ. ވަރަށް ފަހަކާ ހަމަޔަށްވެސް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ނުވަތަ އިހުގެ ދިވެހީން ދަންނަގޮތަށް ކޮޅުނބަކީ ބޭރު ދުނިޔެއާއި ދިވެހިރާއްޖެ ގުޅުވައިދޭ ފާލަމެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލެ ފިޔަވައި ދެން އެންމެ ގިނައަދަދެއްގެ ދިވެހީން އެރަށެއްގައި ދިރިއުޅެމުންދާ ރަށަކީ ކޮލަމްބޯއެވެ. ގަބޫލުކުރެވޭގޮތުން ވިއްސަކަށް ހާހަށްވުރެ މަދެއް ނުވާނެއެވެ. އެހެންވީމާ ސްރީލަންކާއަށް އަންނަ ކޮންމެ ލޮޅުމެއްގެ ގުޑުން ދިވެހީންވެސް އައީ އަދި އަންނަނީ އިހުސާސްކުރަމުންނެވެ.

ހުސްވި އެޕްރީލް މަހުން ފެށިގެން ސްރީލަންކާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާމެދު ދިވެހީން ތިބީ ނުހަނު ކަންބޮޑުވެގެންނެވެ. ވާނުވާ ދެނެގަތުމަށްޓަކައި ދިވެހީން ތިބީ ސްރީލަންކާގެ މަސްރަހަށް ސަމާލުކަންދީގެންނެވެ. މިހެން ތިއްބައި މި ހަފުތާގައި އިވިގެންދިޔަ ޚަބަރަކުން އަނެއްކާވެސް ކަންބޮޑުވުންތައް ވަނީ އިތުރުވެގެން ގޮސްފައެވެ. މިމަހު 18 ވަނަ ދުވަހު ތަމަޅަ ޓައިގަރުން ސްރީލަންކާގައި ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭކަމަށް އިންޑިޔާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި މައުލޫމާތު އިންޑިޔާއިން ވަނީ ރަސްމީކޮށް ސްރީލަންކާއަށް ފޯރުކޮށްދީފައެވެ. ސްރީލަންކާގެ ސަލާމަތީ ބާރުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. ދެންވާނީ ކިހިނަކުން ބާވައެވެ. ޓައިގަރުންގެ ދުއްޕާން އަނެއްކާވެސް ފެށެނީ ބާވައެވެ.

މާދަމަޔަކީ މެއި 18 ވަނަ ދުވަހެވެ. އެބުނާ ހަމަލައެއް ދިނުމަށް ނިންމާފައިވާ ދުވަހެވެ. ހަމަލާ އަންނާނެ ކަމެއްވެސް އަދި އަންނާނެ ގޮތެއްވެސް ޔަގީނެއް ނޫނެވެ. ފަހަރުގައި ބޮމެއް ނުވަތަ ބޮންތަކެއް ގޮއްވައިލާނެއެވެ. ފިލައި ތިބެގެން ބަޑީގެ ހަމަލާއެއް ދީފާނެއެވެ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް ނުވަތަ އެލްޓީޓީއީ ވަނީ މަރުވެފައެވެ. ދެމިއޮތިއްޔާ އޮތް އެއްޗަކީ އެހަނދާނެވެ. ޖުލައި 23، 1983 އިން ފެށިގެން މެއި 18، 2009 އަށް ދެމިގެން ދިޔަ ދާޚިލީ ހަނގުރާމައިގެ ހަނދާންތަކެވެ. ކޮންމެ ސިފަައެއްގައި ސްރީލަންކާއަށް މާދަމާ ގުޑުން އަރުވައިލަން ބަޔަކު އުޅުނަސް، ރޭވިޔަސް ޓައިގަރު ޖަމާއަތަށް އަލުން ދިރުމެއް ނެތެވެ. އެނބުރި އަލުން އާދެވުމެއް ނުވެއެވެ. އެއީ ދެން ނުވާނޭ ކަމެކެވެ.

ސްރީލަންކާގެ ނުރައްކާތެރި ދާޚިލީ ހަނގުރާމަ 26 އަހަރަށް ދިގު ދެމިގެން ދިއުމަށްފަހު ބޮޑުވެގެންވާ ބަލިވުމަކުން ޓައިގަރު ޖަމާއަތް ބަލިވެ، އެ ހަނގުރާމަޔަށް ނިމުން އައިތާ މާދަމަޔަކީ 13 އަހަރު ފުރޭ ދުވަހެވެ. ސްރީލަންކާގައި ހަމަލާތަކެއްދީ ގައުމަށް ލޮޅުން އަރުވައިލުމަށް ޓައިގަރުންކަމަށް ދައުވާކުރާ ބަޔަކު ރާވައިގެން އެތިބީ ދާޚިލީ ހަނގުރާމަ ނިމުނުތާ 13 އަހަރު ފާހަގަކުރުމާ ދިމާކޮށެވެ. ހަނގުރާމައިގެ ފެށުމަކީ 23 ޖުލައި 1983 ގައި ޓައިގަރު ޖަމާއަތުން ކުއްލިޔަކަށް ދިން ހަމަލާއެއްގައި ސިފައިންގެ ތެރެއިން 13 މީހަކު މަރައިލި ހާދިސާއެވެ. އެކަމަކު އެއީ މާޟީއެވެ. ބާރުގެ ތިލަފަތް މިހާރު ވަނީ ބަދަލުވެފައެވެ. ދުނިޔެ ވަނީ ބަދަލުވެފައެވެ. އެހެންވީމާ މާދަމާ ކޮންމެ ކަމެއް ކުރިޔަސް ދާޚިލީ ހަނގުރާމަައެއްގެ ތެރެއަށް ސްރީލަންކާ އަލުން ގެނބިގެނެއް ނުދާނެއެވެ.

މިހާރު އޮތީ މީގެ 39 އަހަރުކުރިން އޮތް ސްރީލަންކާއެއް ނޫނެވެ. މިހާރު އޮތީ ތަމްރީނާއި ހަތިޔާރާއި ތަޖުރިބާވެސް ލިބިފައިވާ ވަރުގަދަ ލަޝްކަރެއް އޮތް ސްރީލަންކާއެކެވެ. މީގެކުރިން އޮތީ ނަމެއްގައި އޮތް ލަޝްކަރެކެވެ. ނިދާފައި އޮތް ލަޝްކަރެކެވެ. އެކަށީގެންވާ ވަސީލަތާއި ތަމްރީނާއި ތަޖުރިބާއެއްވެސް ނެތް ލަޝްކަރެކެވެ. އެދުވަސްވަރުގެ ސްރީލަންކާއަކީ ދާޚިލީ ހަނގުރާމަޔަކަށް ދޮންވެ ފައްކާވެފައިވާ މާހައުލެއް އޮތް ގައުމެކެވެ. އަވަށްޓެރި އިންޑިޔާގެ ޓަމިލްނާޑޫ އޮތީ ތަމަޅަ ހަނގުރާމަވެރީންނަށް އަމާން މަންޒިލެއްގެ ގޮތުގައެވެ. ވެލުޕިއްލައި ޕްރަބާކަރަން އާއި އޭނާގެ ޖަމާއަތުގެ ކުދީންކޮޅު ދުވާލު ލަންކާގެ އުތުރުގެ ޖަންގަލިތަކުގައި އުޅެއުޅެފައި ރޭގަނޑު ނިދާލަން އިންޑިޔާގެ ޓަމިލްނާޑޫއަށްވެސް ދެވެއެވެ.

އެމެރިކާޔާއި ޔޫރަޕާއި ސިންގަޕޫރުފަދަ ތަންތަނުގައި އުޅޭ ތަމަޅައިން ހަމަ ފާޅުގައި ފައިސާއެއްކޮށްގެން ދުނިޔޭގެ ބާޒާރުން ހަތިޔާރު ގަނެ އެއްކޮށްގެން ޕްރަބާކަރަންއަށް ފޮނުވެއެވެ. އެކަން އެގޮތަަށް މިޒަމާނުގައި ނުކުރެވޭނެއެވެ. ޓައިގަރުން ބަލިވުމުގެ ސިއްރަކީވެސް އެމަގުތައް ބަންދުވުމެވެ. ޓައިގަރުންނަށް ދެން އެނބުރި ނާދެވޭނެޔޭ، އެ ފުރުސަތެއް ނުލިބޭނެޔޭ، އަދި ސްރީލަންކާގައި ޖާގަ ޖަހައިގެން ސަރަހައްދުތަކެއް ހިފައިގެން ޓައިގަރުންނަށް ނުތިބެވޭނެޔޭ ބުނަންޖެހެނީ އެހެންވެގެންނެވެ. ތަމަޅައިންގެ އާއްމުންވެސް ކުރިން ހަނގުރާމަވެރިންނަށް ކުރި ތާއީދާއި ދިން އެއްބާރުލުން، އަދި ކުރި އިތުބާރު އަލުން ތަކުރާރެއް ނުކުރާނެއެވެ. ހަނގުރާމައިގެ ހިތިކަމާއި ވޭންތައް އެންމެ ބޮޑަށް ތަޖުރިބާކުރީވެސް ތަމަޅައިންނެވެ. އަދިވެސް އުޅެވެނީ އެ ނިކަމެތިކަމުން އަރައި ނުގަނެވިގެންނެވެ.