އިގުތިސާދީ ހާލަތާއެކު، ގައުމުގެ މަސްލަހަތު ގޯސްވެފައިވާ ސްރީ ލަންކާއިން ޕެޓްރޯލް ހުސްވެއްޖެއެވެ.
މިއަދު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ލަންކާގައި މިވަގުތު އެންމެ އަސާސީ ތަކެތި ގަންނަން ބޭނުންވާ ވަރަށް ވެސް ފޮރިން ރިޒާވް ނެތް ކަމަށެވެ. އަދި ޕެޓްރޯލް އިމްޕޯޓު ކުރެވޭނެ ފައިސާ ވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެން އަތުން ޕެޓްރޯލް ހުސްވެއްޖެ. މިހާރު ހުރީ އެންމެ ދުވަހަކަށް ބޭނުންވާ ވަރަށް ޕެޓްރޯލް. ކުރިއަށް އޮތް ދުވަސްތައް މިހާރަށްވުރެ ދަތިވާނެ،" ރަނިލް ވިދާޅުވިއެވެ.
ރަނިލް ވިދާޅުވީ ތިން ތެޔޮ ޝިޕްމަންޓަކަށް ބޭނުންވާ ޑޮލަރު ހޯދާނެ ގޮތެއް ވެސް ނެތުމުން ލަންކާއަށް ތެޔޮ ހިފައިގެން އައި ތިން ތެޔޮ ޓޭންކަރެއް ކޮލަމްބޯ ބަނދަރުގެ ބޭރުގައި ފައިސާ ލިބެންދެން މަޑުކޮށްގެން އެބައޮތް ކަމަށެވެ. އަދި ތެޔޮ ޓޭންކަރުތަކުން ތެޔޮ ޑިސްޗާޖު ކުރަން ފަށާނީ ފައިސާ ދެއްކުމުން ކަމަށް ވެސް ވިދާޅުވިއެވެ.
ސްރީ ލަންކާގެ އާބާދީގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އަސާސީ ހިދުމަތްތަކުން ވެސް މަހުރޫމުވެފައެވެ. އެގޮތުން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ގަންނާނެ ފައިސާ އެމީހުން އަތީ ވަނީ ހުސްވެފައެވެ. ލަންކާގެ އިންފްލޭޝަން ވެސް ކުރިން ނުދާހާ މިންވަރަށް މިހާރު ވަނީ މައްޗަށް ގޮސްފައެވެ. އަދި އިގުތިސާދީ ހާލަތު ގޯސްވުމުން ތަކެތީގެ އަގަށް އައި ބަދަލާއެކު ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.
ރަނިލް ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރަނިލް ވަނީ މީގެ ކުރިން ލަންކާގެ ބޮޑު ވަޒީރުކަން ފަސް ފަހަރު ކުރައްވައިފައެވެ. އެއީ 1993 އިން 1994 އަށް، 2001 އިން 2004 އަށް، 2015 އިން 2015 އަށް (100 ދުވަސް)، 2015 އިން 2018 އަށް އަދި 2018 އިން 2019 އަށެވެ.
ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ކުރިމަތިފުޅުމަތީގައި މިދިޔަ ބުރާސްފަތި ދުވަހު ރަނިލް ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ. ރަނިލް ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާފައި މިވަނީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.
ލަންކާގެ ބޮޑުވަޒީރުގެ މާގަމަށް އައްޔަންކުރެއްވި ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ލީޑަރެވެ. ބޮޑުވަޒީރުގެ މަގާމަށް ރަނިލް ގެނައުމުގެ ބޭނުމުގައި ޔޫއެންޕީން ވަނީ ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ. ރަނިލްއަށް ބޮޑުވަޒީރުގެ މަގާމު ހުށަހެޅީ ވެސް އެސްއެލްޕީޕީގެ ފަރާތުންނެވެ.
ގާނޫނާ ހަދާ މަޖިލީހުގެ މެމްބަރުކަމަށް 2020 ވަނަ އަހަރު ވާދަކޮށް، ރަނިލްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. ނަމަވެސް ޕާލިމެންޓް ނޭޝަނަލް ލިސްޓުގެ ދަށުން ސިޔާސީ ޕާޓީތަކަށް ކަށަވަރުވެފައިވާ ގޮނޑިއަށް ޔޫއެންޕީގެ ފަރާތުން ރަނިލް ވަނީ އައްޔަންކުރައްވައިފައެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ އިރު، އެގައުމުގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަސްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.
އެ ހަމަނުޖެހުންތަކުގައި ވެރިކަން ކުރާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް މަރާލާފައިވާ އިރު، ހަމަނުޖެހުންތައް ކޮންޓްރޯލުކުރަން ސިފައިން ވަނީ މަގުތަކަށް ނެރެފައެވެ. އަދި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ. އޭގެ އިތުރުން ލަންކާގެ އާންމުންގެ ތަންތަނަށް ގެއްލުންދީ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ފަރާތްތަކުގެ ގަޔަށް ބަޑި ޖެހުމުގެ ހުއްދަ ލަންކާ ސިފައިންނަށް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.