މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ނަމުގައި "އިންޓަނޭޝަނަލް" ނުވަތަ ބައިނަލްއަގުވާމީ ބޭނުންކުރެވޭނެ ހާލަތުތައް ކަނޑައަޅައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގަވާއިދު ގެޒެޓުކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަނުން އިއްޔެ ވަނީ "މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު" ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އެ ގަވާއިދުގެ މަގުސަދަކީ، މަތީ ތައުލީމާއި ތަމުރީނުދޭ މަރުކަޒުތަކަށް އިސްލާމީ ދިވެހި މުޖުތަމައެއްގައި ކިޔަން އެކަށީގެންވާ ނަންނަން ކިޔުމުގެ މައިގަނޑު މިންގަނޑުތައް ކަނޑައަޅައި، އެފަދަ ތަންތަނަށް ނަން ކިޔުން އެއް މިންގަނޑެއްގައި ހިފެހެއްޓުމެވެ.
އެ ގަވާއިދުގައިވާ ގޮތުން މަތީ ތައުލީމުދޭ މަރުކަޒަކަށް އިންޓަނަޝޭނަލް ކިޔެނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން މަތީ ތައުލީމު ދިނުމުގަޔާއި މަތީ ތައުލީމުގެ މަގުސަދާއި، ކުރާ ކަންތައްތަކުގައި އިންޓަނޭޝަނަލް ސިފަތައް ހިމެނޭ ކަމަށްވާނަމައެވެ.
ގަވާއިދުގައިވާ ގޮތުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުކަަށް އިންޓަނޭޝަނަލް ބޭނުންކުރެވޭނީ ގަވާއިދުގައި ފާހަގަކޮށްފައިވާ ދެ ސިފައިގެ ތެރެއިން މަދުވެގެން އެއް ސިފަ ފުރިހަމަ ވާނަމަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުކަޒުގައި ހިންގާ ޕްރޮގްރާމުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޕްރޮގްރާމުތަކަކީ ބޭރުގެ ކަރިކިޔުލަމަށް ކިޔަވައިދޭ، ބޭރުގެ މަރުކަޒަކުން ސެޓުފިކެޓު ދޫކުރާ، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމުތަކަކަށް ވުމެވެ. ނުވަތަ އެތަނެއްގައި ކިޔަވައިދޭ ޕްރޮގްރާމުތަކުގައި ކިޔަވާ ދަރިވަރުންގެ މަދުވެގެން 20 އިންސައްތައަކީ ރާއްޖެ ފިޔަވައި ތަފާތު އެކި ގައުމުތަކުގެ ދަރިވަރުންނަށް ވުމެވެ.
"މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދަށް" އަމަލުކުރަން ފެށުމާއެކު، އެހާތަނަށް ރަޖިސްޓަރީކޮށްފައިވާ ނަންނަމުގެ ތެރޭގައި އެ ގަވާއިދާ ހިލާފު ނަމެއްވާނަމަ، އެ މަރުކަޒުގެ ނަން ހަ މަސްދުވަހުގެ ތެރޭގައި ބަދަލުކުރަން ޖެހޭނެއެވެ.
ހަ މަސްދުވަހުގެ ތެރޭގައި ނުވަތަ ވަކި ސަބަބެއް ނާންގައި ނަން ބަދަލުނުކުރާ މަތީ ތައުލީމުދޭ މަރުކަޒުތައް 10،000 ރުފިޔާއިން ޖޫރިމާނާކުރުމުގެ ބާރު ހަޔާ އެޑިއުކޭޝަނަށް ލިބިގެންވެއެވެ. ޖޫރިމަނާ ކުރުމަށްފަހު ދޭ މުއްދަތުގައި ނަން ބަދަލު ނުކޮށްފިނަމަ އެތަނެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ރަޖިސްޓަރީ ބާތިލުކުރަން އަންގާ ހިނދު އެތަނެއްގައި ތައުލީމީ ޕްރޮގްރާމެއް ނުވަތަ ކޯހެއް މަރުކަޒުގައި ހިންގަމުންދާނަމަ، އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ނިމެންދެން ކުރިއަށް ގެންދެވޭނެއެވެ. ނުވަތަ އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ޕްރޮގްރާމު ނުވަތަ ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ. ނުވަތަ އެ މަރުކަޒެއްގައި ހަދާފައި އޮންނަ ރީފަންޑް އުސޫލުގެ ދަށުން ދަރިވަރުންނަށް ރީފަންޑް ދޭންވާނެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރަކު ނުވަތަ ދަރިވަރުން އެންރޯލުކޮށް އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް ފަށައިގެން ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
"މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު" އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު