ހައިކޯޓު

އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުންވެސް ތާއީދު!

އިބްރާހިމް ޒަކީ

ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ހިޔާނާތުގެ ގިނަ މައްސަލަތަކެއް އައްމަޓީއަށް ކުރަމުންދާތީ، އެ މައްސަލަތައް ނިމެންދެން އޭނާ ބަންދުކުރުމަށް ހުށަހެޅުމުން، އެކި ފަހަރު މަތިން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލި މައްސަލައެކެވެ. އެއިން ކޮންމެ ފަހަރަކު ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އޭނާ ބަންދު ކުރެއެވެ.

އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 15 ނޮވެމްބަރު 2021 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.

ނަމަވެސް ތިންވަނަ ފަހަރަށް އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން، މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު އަމުރު ކުރިއެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ އެމަހުގެ 23 ވަނަ ދުވަހުއެވެ.

އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ. ނަމަވެސް އެފަހަރު އައްމަޓީ ދޫކޮށްލައިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ، އިޖުރާއީ ގޮތުން ބެލެން ނެތްކަމަށް ކަނޑައަޅައި އެކޯޓުން ބޭރުކޮށްލިއެވެ.

އެ މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލީ މާޗު މަހުގެ 20 ވަނަ ދުވަހު ކަމަށްވާ އިރު، އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ 48 ގަޑިއިރު ފާއިތުވެ ގޮސް، މާޗް 23 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ ބެލެން ނެތްކަމަށް ކަނޑައެޅީ އެކަމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

އެފަަހަރު ހައިކޯޓުން މައްސަލަ ބޭރުކޮށްލި އިރު، ގަޑިއިރުން ކުރަންޖެހޭ ކަންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ބަޔާންކޮށްފައި ހުރި ނަމަވެސް ގަޑި ގުނާނެ ގޮތެއް ނެތް ކަމަށާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައިވެސް، ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނެތް ކަމަށާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ގެންދާއިރުވެސް ގަޑި ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށާއި އިސްތިއުނާފު މުއްދަތުވެސް ގުނަންވާނީ އެ އުސޫލުންކަން ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ދައުލަތުން ބުނަނީ، އިސްތިއުނާފު ކުރަންޖެހޭ މުއްދަތު ގުނަން ޖެހޭނީ އެ ނިންމުމެއް ދަށު ކޯޓުން ނިންމި ދުވަސް ނުހިމަނައި ކަމަށެވެ. އެގޮތަށް މުއްދަތު ގުނުމުން އެ މައްސަލަ ހުށަހެޅި ކަމަށް ވަނީ 48 ގަޑިއިރު ހަމަވުމުގެ ކުރިންނެވެ.

އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ އިސްތިއުނާފުގެ މައްސަލައަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 25 ގައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިއާޔަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫން ކަމަށެވެ.

ނަމަވެސް މީގެކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މާނަކޮށްދީފައި ނެތުމުންނާއި، ގާނޫނު ބާތިލުވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައި ހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާތިލުނުވާނެ ކަމަށް ވެސް ހުކުމުގައިވެއެވެ. އެހެންކަމުން، އައްމަޓީގެ މައްސަލަ ވެސް ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ އަމުރު ކޮށްފައެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރު ކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތަކުގައި، މުއްދަތު ގުނާނެ ގޮތާ މެދު ފަނޑިޔާރުންގެ މެދުގައި ވަނީ ރައުޔުގައި ތަފާތުވެފައެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔުގައި ވަނީ، 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ދަށު ކޯޓުން ނިންމުން ނިންމާ މިނެޓުން ނުވަތަ ވަގުތުން ފެށިގެން ކަމަށެވެ.

އެ ބެންޗުގައި ދެން އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަކީ، 48 ގަޑިއިރު ގުނަން ޖެހޭނީ ދުވަހުން ކަމަށެވެ. އެއީ 48 ގަޑިއިރަކީ ދެ ދުވަސް ކަމަށް ވާތީ އާއި ގާނޫނުގައި އެހެން ހުރިހާ މުއްދަތުތައް ހިމަނާފައި ވަނީ ދުވަހުން ގުނާ ގޮތަށް ކަމަށްވާތީއެވެ.

އެ މައްސަލަ ހައިކޯޓުގައި މިފަހަރު ކުރިއަށް ގެންދިޔައީ ސުޕްރީމް ކޯޓުގެ މި އަމުރާ ގުޅިގެންނެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އައްމަޓީ ބަންދުން ދޫކޮށްލުމަށް މާޗު މަހުގެ 20 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.