ދުނިޔެ

އަދުގެ ދުނިޔެ: އެމިރޭޓްސްގެ ވެރިކަން ބަދަލުވީމާ ސިޔާސަތުން ބަދަލެއް ފެންނާނެތަ؟

އިމާދު ލަތީފު

ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ މުއްސަނދި އަދި ދެވަނައަށް އެންމެ ބާރުގަދަ މުހިއްމު ގައުމުކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސްކަމަށް ހޮނިހިރު ދުވަހު އައު ބޭފުޅަކު ވަޑައިގެންފިއެވެ. އައު ރައީސަކީ މުހައްމަދު ބިން ޒައިދު އާލްނަހުޔާނެވެ. ގައުމުގެ ވެރިކަމާއި އަބޫދާބީގެ އަމީރުކަންވެސް ބަދަލުވެގެން މިދިޔައީ ކުރިން އެމަގާމުގައި ހުންނެވި ޚަލީފާ ބިން ޒައިދު އާލްނަހުޔާން ހުކުރުދުވަހު އަވަހާރަވުމުންނެވެ. ވެރިކަން ބަދަލުވީމާ ގައުމުގެ ސިޔާސަތަށް އަންނާނީ ކޮން ބަދަލެއް ބާވައެވެ؟ އެއްވެސް ބަދަލެއް ނާންނާނެއެވެ. ޚަލީފާ ބިން ޒައިދުގެ ސިއްހަތު ތަންނުދޭތީ 2014 ވަނަ އަހަރުގެ ފަހުން މިހާތަނަށް ގައުމު ހިންގަވަމުން ގެންދެވީ މުހައްމަދު ބިން ޒައިދެވެ. އެހެންވީމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް ކުރިއަށްދާނީ ފާއިތުވި 8 އަހަރުވެސް ހިންގާފައިވާ އުސޫލުން އެމަގުންނެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ ކޮންތަނެއް؟

އެމިރޭޓްގެ މާނަޔަކީ އަމީރަކު ވެރިކަންކުރައްވާ ސަރަހައްދެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ މިޒާތުގެ 7 އެމިރޭޓް ގުޅިގެން އުފައްދާފައިވާ ގައުމެކެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް، ނުވަތަ އެކުވެރި އަރަބި އިމާރާތޭ ކިޔަނީ އެހެންވެގެންނެވެ. ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިޔާ އާއި އޮމާން އަދި ބަހުރައިން ފިޔަވައި އެހެން ހުރިހާ ތަނެއްގައި ތިއްބަވަނީ އަމީރުންނެވެ. ކުވޭތާއި ގަތަރާއި އެމިރޭޓްސްގައެވެ. ސައޫދީ އަރަބިޔާގައި ހުންނަވަނީ މަލިކެކެވެ. އޮމާނުގައި ސުލްތާނެކެވެ. ބަހުރޭނުގައިވެސް 2002 ވަނަ އަހަރާ ހަމަޔަށް އަމީރެކެވެ. އެހެންނަމަވެސް އެހިސާބުން ފެށިގެން މަލިކެކެވެ. އެމިރޭޓްސް ފިޔަވައި ގަލްފުގައި ދެންތިބީ މުޅިންވެސް ޔުނިޓަރީ ދައުލަތްތަކެވެ. އެމިރޭޓްސް އަކީ ފެޑެރަލް ދައުލަތެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހިމެނޭ 7 އެމިރޭޓަކީ ކުރިން އިނގިރޭސީންގެ ދަށުގައި އޮތް ހަތް ސަރަހައްދެވެ. އެހިސާބަށް ކުރިން ކިޔަނީވެސް ކަނޑުފޭރޭ މީހުންގެ އައްސޭރިއެވެ. މިނިވަންކަން ލިބުމާއެކު މި 7 އެމިރޭޓް ގުޅިގެން ފެޑެރަލް އުސޫލުން އުފެއްދީ ދައުލަތެކެވެ. ކޮންމެ އެމިރޭޓެއްގައިވެސް އަމީރަކު ހުންނަވައެވެ. ކޮންމެ އެމިރޭޓަކީވެސް ދާޚިލީ މިނިވަންކަމާއި އިގްތިސާދީ މިނިވަންކަމާއެކު ވަކި ހައިސިއްޔަތެއް ލިބިގެންވާ އެމިރޭޓެކެވެ. މި ހުރިހާ އެމިރޭޓެއް ގުޅިގެން ފެޑެރަލް ދައުލަތެއްގެ ގޮތުގައި ގައުމު ހިންގުމަށްޓަކައި ކައުންސިލެއް އޮވެއެވެ. އެޔަށް ކިޔަނީ ފެޑެރަލް ސްޕްރީމް ކައުންސިލެވެ. މި ކައުންސިލް އެކުލެވިގެންވަނީ 7 އެމިރޭޓުގެ 7 އަމީރުންގެ މައްޗަށެވެ. ގައުމުގެ ރައީސާއި ބޮޑުވަޒީރު އައްޔަން ކުރާނީ މި ކައުންސިލްގެ ތެރެއިންނެވެ.

ގައުމު ހިންގުމުގައި އަބޫދާބީގެ ދައުރަކީ ކޮބާ؟

ދައުލަތެއްގެ ސިފައިގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް 1971 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނުއިރު އެ ދައުލަތުގައި އެންމެ ފުރަތަމަ ހިމެނުނީ 6 އެމިރޭޓެވެ. އެއީ އަބޫދާބީ، ދުބާއީ، ޝާރްޖާ، އަޖްމާން، އުއްމުލްގުވައިން، އަދި ފުޖައިރާއެވެ. މި ލިސްޓަށް ރައުސުލްޚީމާ އިތުރުވީ އޭގެ އެއްއަހަރު ފަހުން 1972 ގައެވެ. ވެރިރަށުގެ ގޮތުގައި ކަނޑައަޅައިފައިވަނީ އަބޫދާބީއެވެ. އަބޫދާބީއަކީ އެންމެ ބިޔަ އަދި ބޮޑުތަނުން އެންމެ މުއްސަނދި އެމިރޭޓް ކަމަށްވާ އަބޫދާބީގެ ވެރިރަށެވެ. މި 7 އެމިރޭޓަކީ މުއްސަނދިކަމާއި ސައިޒުގެ ގޮތުން އެއްވަރު ތަންތަނެއް ނޫނެވެ. އަޖްމާނަކީ އެންމެ ކުޑަ އެންމެ ފަގީރު އެމިރޭޓެވެ. އެތަނުގައި ތެލެއްވެސް ގޭހެއްވެސް ނުވެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގުދުރަތީ މުއްސަނދިކަމުގެ 84 އިންސައްތައަކީ އަބޫދާބީ އާއި ދުބާއީގެ މުއްސަނދިކަމެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި އެމިރޭޓަކީ އަބޫދާބީ ކަމަށްވާތީ މި ފެޑެރޭޝަން ވުޖޫދުވީއްސުރެ ގައުމުގެ އެންމެ މަތީ މަގާމު އޮންނަނީ އަބޫދާބީއަށެވެ. އެއީ ރައީސްކަމެވެ. ރައީސްކަމުގައި އަބަދުވެސް ހުންނަވަނީ އަބޫދާބީގެ އަމީރެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސުން ބަދަލުވާނީ އަބޫދާބީގެ އަމީރު ބަދަލުވުމުންނެވެ. އެގޮތުން މި މަގާމު ބަދަލުވެފައިވަނީ މިހާތަނަށް އެންމެ ތިން ފަހަރުއެވެ. އެންމެ ފުރަތަމަ 1971 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމަޔަށް ޒައިދު ބިން ސުލްތާން އާލްނަހުޔާނެވެ. އޭނާ އަވަހާރަވުމުން 2022 ވަނަ އަހަރުގެ މެއި 13 ވަނަ ދުވަހާ ހަމަޔަށް އޭނާގެ ދަރިކަލުން ޚަލީފާ ބިން ޒައިދު އާލްނަހުޔާނެވެ. އޭނާ އަވަހާރަވުމުން އޭނާގެ ކޮއްކޮ މުހައްމަދު ބިން ޒައިދު އާލްނަހުޔާނެވެ.

ފާއިތުވި 8 އަހަރު ގައުމު ހިންގެވީ ކާކު؟

މުހައްމަދު ބިން ޒައިދު ރަސްމީގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސަކަށް އެތާގެ ސުޕްރީމް ފެޑެރަލް ކަައުންސިލްގެ އިއްތިފާގުން ހޮނިހިރުދުވަހު އައްޔަން ކުރުމުގެ ކުރިންވެސް ގައުމުގެ އެންމެހައި ކަންކަން އޭނާ ހިންގަވާތާ އަހަރުތަކެއްވެއްޖެއެވެ. ރައީސް ޚަލީފާ ބިން ޒައިދަށް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކެއްގެ ސަބަބުން އޭނާ އޮންނަވަނީ ތަންމަތީގައެވެ. އެހެންވީމާ އަބޫދާބީގެ ވަލީއަހުދުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިންގަވަމުން ގެންދެވީ މުހައްމަދު ބިން ޒައިދެވެ. އޭނާ މަޝްހޫރުވެފައިވަނީ އެމްބީޒެޑްގެ ނަމުންނެވެ. އުމުރުފުޅުން 61 އަހަރުވީ އެމްބީޒެޑް ވަނީ ވަރަށް ގިނަ ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. އަސްކަރީ ބާރަކަށް ހައްދަވައިފިއެވެ. ޖައްވަށް އެސްޓްރޮނޯޓުން ފޮނުއްވައިފިއެވެ. އިޒްރޭލާ ސިޔާސީ ގުޅުން ގާއިމް ކުރައްވައިފިއެވެ. އަދިވެސް ކިތަންމެ ކަމެކެވެ.