ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްގެ މަގާމު ރޮޒައިނާ އިންތިހާބު ކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މަގާމަށް ދެން ވާދަކުރެއްވީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެނމްބަރު ޝަފާއަތު އަހުމަދު ޒާހިރެވެ.
ރޮޒައިނާއަކީ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކާއެކު ހޮވިވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ "ހިންގާލަން" ޓީމްގެ ބޭފުޅެކެވެ.
އަންހެނުންގެ ރޫހުގެ ރައީސްއަކަށް ހޮވިވަޑައިގަތުމުން ރޮޒައިނާ ވަނީ އޭނާއާށް ތާއީދުކޮށް ވޯޓުދެއްވި އަންހެންބޭފުޅުންނަށް ޝުކުރު ދަންނަވައި ޓްވީޓެއް ކުރައްވައިފައެވެ. ރޮޒައިނާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ބޭނުންވަނީ އެޕާޓީ ހިންގާލަން ކަން ވަރަށް ސާފު ވެއްޖެ ކަމަށެވެ. އަދި ވޯޓު ނުދެވުނު ނަމަވެސް ފިރިހެންބޭފުޅުން ދެއްވި އެއްބާރުލުމަށްވެސް ރޮޒޭ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ ހޮވުނު އިރު އެމްޑީޕީ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ފައްޔާޒްއެވެ. މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގަތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މިއަދު ކުރިއަށްދިޔަ އެ އިންތިހާބުގައި ގިނަ އަތޮޅުތަކާއި ބޮޑެތި ސިޓީތަކުގެ މެޖޯރިޓީވެސް ލިބުނީ ފައްޔާޒަށެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ބެހެއްޓި 282 ވޯޓު ފޮށީގެ ތެރެއިން ހުރިހާ ފޮއްޓެއްވެސް ގުނައި ނިމިފައިވާ އިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒަށް 28،000 އަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވެއެވެ. އަދި އިންތިއަށް 20،000 އަށްވުރެ ގިނަ ވޯޓް ވަނީ ލިބިވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒާއި އިންތިވެސް ވަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ. ފައްޔާޒަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ބޭފުޅެކެވެ. އިންތިއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު