ދުނިޔެ

އަދުގެ ދުނިޔެ: އައު ބޮޑުވަޒީރު ރަނިލްއަށް ގައުމު ހަމަޔަކަށް އެޅުވިދާނެތަ؟

އިމާދު ލަތީފު

ސްރީލަންކާގެ ބޮޑުވަޒީރުކަމާ ބުރާސްފަތި ދުވަހު ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހާއަކީ ކޮންބޭފުޅެއް ބާވައެވެ. އުމުރުފުޅުން މިހާރު 73 އަހަރުވީ ވިކްރަމަސިންހާ މީގެ ކުރިންވެސް ފަސްފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. މިފަހަރު މިއީ އޭނާ ބޮޑުވަޒީރުކަން ކުރައްވާ ހަވަނަ ފަހަރެވެ. ސްރީލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ރަނިލްއަކީ ވަރަށް ގާބިލް އެކަމަށް އެކަަށީގެންވާ ބޭފުޅެކެވެ. އެކަމަކު އޭނާއަށް ވަގުތު ލިބިވަޑައިގަތުން ދުރެވެ. އެއީ ރައްޔިތުން މިބަދަލު ގަބޫލު ނުކުރާތީއެވެ. ހަޅުތާލުތައް މައިތިރި ނުވާތީއެވެ. އަދި އިދިކޮޅު މީހުންގެ ތެރޭގައި ވިކްރަމަސިންހާގެ ބަސްވިކުން ކުޑަކަމުންނެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޮޑުވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހާ ގެންނެވުމަށް ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ނިންމެވީ އޭނާގެ ރައީސްކަން ދެމެހެއްޓުމަށް ވަގުތު ހޯއްދެވުމުގެ ގޮތުންނެވެ.

ވިކްރަމަސިންހާގެ އާއިލާއަކީ ސްރީލަންކާ މިނިވަންވީއްސުރެ މިހާތަނަަށް އަދި އޭގެ ކުރިންވެސް ސްރީލަންކާގައި ވަރަށްވެސް މަޝްހޫރު ސިޔާސީ އާއިލާއެކެވެ. ރަނިލްގެ ބައްޕަގެ ފަރާތު ކާފަ ކަމަށްވާ ސީޖީ ވިކްރަމަސިންހާޔަކީ ސްރީލަންކާ މިނިވަންވުމުގެ ކުރީގައި އިނގިރޭސިންގެ ކޮލޯނިއަލް ސަރުކާރުގައި ހިމެނުނު ސިންގަޅައިންގެ އެންމެ ސީނިއަރ ސިވިލް ސާރވަންޓެވެ. ރަނިލްގެ މަންމަގެ ފަރާތު ކާފަ ޑީއާރް ވިޖޭވަރުދަނާއަކީ މިނިވަންކަމަށް ބާރުއެޅުމުގެ ގޮތުން އެތަކެއް ނޫހެއް ނެރުއްވި ބޭފުޅެކެވެ. ރަނިލްގެ ބައްޕަ އެސްމޮންޑް ވިކްރަމަސިންހާޔަކީ ސްރީލަންކާ މިނިވަންވުމަށްފަހު ދައުލަތުގެ މީޑިއާ ބައްޓަންކޮށް ލޭކްހައުސްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެެއްވި ބޭފުޅެކެވެ. ލޭކްހައުސްއަކީ ސަރުކާރުގެ އެންމެހައި ނޫސްތައް ނެރޭ އިދާރާއެވެ. މި އިދާރާގެ ބާނީއަކީ ރަނިލްގެ ބަފައިބެއެވެ.

ރަނިލްއަކީ ގާނޫނީ ވަކީލެކެވެ. އޭނާ ސިޔާސީ ކަންކަމަށް ނުކުމެވަޑައިގަތީ އާއިލީ ޕާޓީކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ، ޔޫއެންޕީއަށް 1970 ވަނަ އަހަރުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ޒުވާން އައު ޖީލަކަށް ޕާޓީ ބޭނުންވުމުންނެވެ. ސްރީމާވޯ ބަންޑާރަނައިކާގެ ވެރިކަން 1977 ގައި ނިމުމަކަށް އައިސް ޔޫއެންޕީއަށް އަލުން ވެރިކަން ލިބުމުގައި ޒުވާން ރަނިލްގެ ހިއްސާ ނުހަނު ބޮޑެވެ. ވެރިކަމަށް ވަޑައިގެންނެވީ މަންމަގެ ފަރާތުން ރަނިލްގެ ދެބެއިންގެދަރި ބޭބެއެއް ކަމަށްވާ ޖޭއާރް ޖަޔަވަރުދަނާއެވެ. އެ ސަރުކާރުގައި އެންމެ ފުރަތަމަ ރަނިލް ފުރުއްވި މަގާމަކީ ޑިޕިއުޓީ ފޮރިން މިނިސްޓަރުގެ މަގާމެވެ. ކުޑަދުވަސްކޮޅެއް ފަހުން ސީދާ އޭނާއަށްޓަކައި އުފެއްދި ޔޫތު އެންޑް އެމްޕްލޯއިމަންޓް މިނިސްޓަރުގެ މަގާމެވެ.

އެންމެ ދިގު މުއްދަތަކަށް ރަނިލް ހިންގެވި މިނިސްޓްރީއަކީ އިންޑަސްޓަރީޒް މިނިސްޓަރު ކަމެވެ. ވެރިކަމުގައި ރާނަސިންހަ ޕްރެމަދާސަ ހުންނެވިހާ ދުވަހު މިދެންނެވި މިނިސްޓްރީ ހިންގެވީ ރަނިލްއެވެ. ސްރީލަންކާގެ ސްޓޮކް މާކެޓަށް ބޮޑެތި ބަދަލުތައް ގެންނަވައި ބޭރުގެ އިންވެސްޓަރުން ގެންނެވުމުގައި އެހާތަނަށް އެއްވެސް ބޭފުޅަކު ނުކުރައްވާހައި ގިނަ މަސައްކަތްތަކެއް ރަނިލް ވަނީ ކުރައްވައިފައެވެ. އެހެންވީމާ ސްރީލަންކާގެ އިގްތިސާދު ބައްޓަންވެފައި އޮތްގޮތާއި އަލުން ބައްޓަންކުރަންޖެހޭ ގޮތާއި ބޭރުގެ އިންވެސްޓަރުން ގެންނާނޭ ގޮތުގެ އަމަލީ ތަޖުރިބާ ކިތަންމެހާވެސް ބޮޑަށް ރަނިލްއަށް ލިބިވަޑައިގެންފައިވެއެވެ. ހަގީގަތުގައި ރަނިލްއަށް 1993 ވަނަ އަހަރު ބޮޑުވަޒީރުކަން ފުރަތަމަ ލިބިވަޑައިގަތުމުގެ ސިއްރަކީވެސް މި ތަޖުރިބާއެވެ.

ވިކްރަމަސިންހާ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 1 މޭއި 1993 ގައި ދެވުނު ބޮމުގެ ހަމަލާއެއްގައި ރައީސް ޕްރެމަދާސާ އަވަހާރަވެ ރައީސްކަމަށް ޑީބީ ވިޖޭތުންގާ ވަޑައިގެން ސަރުކާރަށް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. އެއަށްފަހު ދެން އައި އިންތިޚާބުގައި ޔޫއެންޕީއަށް ވެރިކަން ގެއްލި ޗަންދްރިކާ ކުމާރަތުންގާގެ ރައީސްކަން ފެށުމުން ރަނިލްވެވަޑައިގަތީ އެންމެ ބޮޑު އިދިކޮޅު ލީޑަރަށެވެ. ރަނިލް ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ކުމާރަތުންގާގެ ރައީސްކަމުގެ ދައުރުގައި ދެހާސްވަނަ އަހަރުއެވެ. ޗަންދުރިކާއަކީ ކުޑައިރުން ފެށިގެން ރަނިލްގެ ގާތް ރަހުމަތްތެރިއެކެވެ. އެކަމަކު ފަހުން ބަދަލުވެގެންދިޔައީ ސިޔާސީ ވަރަށް ބޮޑު ހަތުރަކަށެވެ. މި ހަތުރުވެރިކަން 2004 ވަނަ އަހަރު އާ އުސްމިނަކަށް އުފުލި ނުހަނު ބޮޑު ކޯޅުމެއްވެސް ހިނގިއެވެ.

ސްރީލަންކާގައި 2005 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރަނިލް ވާދަކުރެެއްވިއެވެ. ކުޑަކުޑަ ތަފާތަކުން އެ އިންތިޚާބު ކާމިޔާބު ކުރެެއްވީ މަހިންދަ ރާޖަޕަކްސާއެވެ. ރާޖަޕަކްސާ ހޮވުމުގެ ސިއްރަކީ އިރުމައްޗާއި އުތުރުގައި ވޯޓުގެ ކަންކަމަށް ތަމަޅަ ޓައިގަރުން ހުރަސް އެޅުމުންނެވެ. އެސަރަހައްދުތަކުގައި ވޯޓު ނެގުނުނަމަ އިންތިޚާބުން ކުރިލިބިވަޑައިގަންނަވާނީ ރަނިލްއަށެވެ. އެފަހަރުގެ ނާކާމިޔާބީއާ ގުޅިގެން ރަނިލް ދެން ރިޔާސީ އިންތިޚާބެެއްގައި ވާދައެއް ނުކުރައްވައެވެ. މައިތިރިޕާލާ ސިރިސޭނާޔަށް 2015 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ ރަނިލްގެ މަދަދާއި އެކުގައެވެ. ސިރިސޭނާގެ ރައީސްކަމުގެ ދައުރުގައި އެންމެ ފުރަތަމަ ބޮޑުވަޒީރަކީވެސް ރަނިލްއެވެ. އެކަމަކު 2018 ގައި ދެބޭފުޅުންގެ ގުޅުން ހީނަރުވެ ސިރިސޭނާ ވަނީ ރަނިލް މަގާމުން ވަކި ކުރައްވައިފައެވެ.

ރައީސް ސިރިސޭނާގެ ނިންމެވުމަކީ ޣައިރު ގާނޫނީ ނިންމެވުމެއްކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ދޮޅުމަސްފަހުން އަނެއްކާވެސް ރަނިލް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. ރަނިލްގެ އެ ދައުރުގައި ޓެކްސް ބޮޑުކުރައްވައި އިގްތިސާދަށް ގެންނެވި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ސްރީލަންކާގެ ބަޖެޓް އަރަނި ބަޖެޓަކަށް ބަދަލުވެ އާމްދަނީ އުފުލިގެން ދިޔައެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ސްރީލަންކާގެ ފައްޅިތަކާއި ހޮޓާހޮޓަލުގައި ދެވުނު ޓެރަރިސްޓް ހަމަލަޔާ ގުޅިގެން ރައްޔިތުންގެ މެދުގައި ރަނިލްގެ މަގްބޫލުކަން ކުޑަވެ އެންމެފަހުން ބޭއްވުނު އާއްމު އިންތިޚާބުގައި އޭނާއަށް ކުރިމަތިވީ ވަރަށްވެސް ބޮޑު ނާކާމިޔާބީއެކެވެ. ބޮޑުވަޒީރުކަމަށް މަހިންދަ ރާޖަޕަކްސާ ވަޑައިގެންފައި ރަނިލްގެ ޓެކްސް ސިޔާސަތު އެކޮޅުކޮޅުން ޖެއްސެވުމުގެ ނަތީޖާއަކީ މިހާރު ވެއްޓިފަައިވާ އަނދަވަޅަށް ގައުމުގެ އިގްތިސާދު ވެއްޓިގެން ދިއުމެވެ.