ޚަބަރު

"ހަކަތަރި" ލޭބަލް ޖެހުމަށް ހުއްދަ ލިބުނު ފުރަތަމަ ކުންފުންޏަކަށް އެސްޓީއޯ

ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ "ހަކަތަރި" ޕްރޮގްރާމުގެ ދަށުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން އެއާ ކޮންްޑިޝަނާ (އޭސީ)ގެ ހަ މޮޑެލްއެއް އެ ޕްރޮގްރާމަށް ފެތޭ ކަމަށް ކަނޑައަޅައިފިއެވެ.

އެސްޓީއޯ އިން ވިއްކާ އޭސީގެ ހަ މޮޑެލްއެއްގައި ލޭބަލް ޖެހުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެކުންފުންޏަށް ހުއްދަ ދޫކޮށްފައިވަނީ އިއްޔެއެވެ. އެއާއެކު އެސްޓީއޯ ވެފައިވަނީ "ހަކަތަރި" ލޭބަލް ޖެހުމަށް ހުއްދަ ލިބުނު ފުރަތަމަ ކުންފުންޏަށެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތައިގެ އެފިޝެންސީ ނުވަތަ ސަމަކާރަ މިންވަރު އަންގައިދޭ ހަކަތަރި ލޭބަލް ހުންނަނީ އެކަކުން ފެށިގެން ފަހަކާ ހަމައަށް ގިންތިކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބްލަކީ ހަކަތަ ސަމަކާރަ މިންގަނޑަށް ފެތޭ އެންމެ ދަށް މިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ލޭބަލް ޖެހުމަށް އެސްޓީއޯއަށް ހުއްދަ ދޫކުރި މޮޑެލްތަކަށް ހަތަރު ތަރި އާއި ފަސް ތަރި ލިބިފައިވާ ކަމަށާއި ހަކަތަރި ލޭބަލުން ކޮންމެ އަހަރަކު ކަރަންޓު ބޭނުންކުރާނެ ކަމަށް އަންދާޒާކުރެވޭ މިންވަރު ވެސް އެނގިގެންދާނެ ކަމަށެވެ. އަދި އެ ލޭބަލުން އޭސީއާ ގުޅޭ އިތުރު މައުލޫމާތު ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަކަތަރި ޕްރޮގްރާމުގައި ރަޖިސްޓަރީވުމަކީ ވިޔަފާރިތަކަށް އިހުތިޔާރީ ކަމެކެވެ. އެ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ އިމްޕޯޓުކުރާ ފަރާތްތަކުން ޕްރޮގްރާމުގައި ރަޖިސްޓަރީވެގެންނެވެ. އެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައިވަނީ އައިސްއަލަމާރި އާއި އޮޓޮމެޓިކް ދޮންނަމެޝިން އަދި އޭސީގައެވެ.

މިނިސްޓްރީން ބުނީ ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވާ އާލާތްތައް ގަންނަ ފަރާތްތަކަށް ވިއްކުމުގެ ކުރިން އެތަކެތީގައި ލޭބަލް ހަރުކުރަން ޖެހޭނެ ކަމަށާއި މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ އޭސީ, އައިސްއަލަމާރި އަދި ދޮންނަމެޝިންތަކަކީ ހަކަތަރި މިންގަނޑަށް ފެތޭ ތަކެތިކަމުގައި ހެދުން ކަމަށެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލައިފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީއާއެކު އ.ދ ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ, ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމު (ޔޫއެން އެންވަޔަރަމަންޓް) އާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ "ސްޓްރެތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއުގެ ދަށުންނެވެ.

އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިމާރާތްތަކުން ޖައްވަށް ބޭރުކުރާ ވިހަގޭސް (ގްރީންހައުސް ހޭސް) މަދުކޮށް, އެ ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި, ތިމާވެއްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުން ކަމަން އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.