ޚަބަރު

ލަންކާގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ރަނިލް

މުހައްމަދު އިޝާން

ސްރީ ލަންކާގެ އާ ބޮޑުވަޒީރުގެ މަގާމަށް ރަނިލް ވިކްރެމަސިންހަ އައްޔަންކޮށްފިއެވެ.

ރަނިލް ވަނީ މީގެ ކުރިން ލަންކާގެ ބޮޑު ވަޒީރުކަން ފަސް ފަހަރު ކުރައްވައިފައެވެ. އެއީ 1993 އިން 1994 އަށް، 2001 އިން 2004 އަށް، 2015 އިން 2015 އަށް (100 ދުވަސް)، 2015 އިން 2018 އަށް އަދި 2018 އިން 2019 އަށެވެ.

ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ކުރިމަތިފުޅުމަތީގައި ރަނިލް ވަނީ މިއަދު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ. ރަނިލް ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކޮށްފައި މިވަނީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މާގަމަށް މިއަދު އައްޔަންކުރެއްވި ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ލީޑަރެވެ. ބޮޑުވަޒީރުގެ މަގާމަށް ރަނިލް ގެނައުމުގެ ބޭނުމުގައި ޔޫއެންޕީން ވަނީ ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ. ރަނިލްއަށް ބޮޑުވަޒީރުގެ މަގާމު ހުށަހެޅީ ވެސް އެސްއެލްޕީޕީގެ ފަރާތުންނެވެ.

ރަނިލް 2020 ވަނަ އަހަރު ގާނޫނާހަދާ މަޖިލީހުގެ މެމްބަރުންގެ މަގާމަށް ވާދަކުރުމުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ނަމަވެސް ޕާލިމެންޓް ނޭޝަނަލް ލިސްޓުގެ ދަށުން ސިޔާސީ ޕާޓީތަކަށް ކަށަވަރުވެފައިވާ ގޮޑިއަށް ޔޫއެންޕީގެ ފަރާތުން ރަނިލްވަނީ އައްޔަންކުރައްވައިފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ އިރު، އެގައުމުގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަސްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.

އެ ހަމަނުޖެހުންތަކުގައި ވެރިކަން ކުރާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް މަރާލާފައިވާ އިރު، ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިން ވަނީ މަގުތަކަށް ނެރެފައެވެ. އަދި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރުވެސް ވަނީ ފުލުހުންނަށް ދީފައެވެ. އަދި ލަންކާގެ އާންމުންގެ ތަންތަނަށް ގެއްލުންދީ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ފަރާތްތަކުގެ ގަޔަށް ބަޑި ޖެހުމުގެ ހުއްދަ ލަންކާ ސިފައިންނަށް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.