މިއީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފިރިހެން ނަރުހުންގެ ތެރެއިން ފަސް ވަނަ ނަރުހުގެ ވާހަކަ އެވެ. ނަރުހުންގެ ދަތުރު ފެށީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ނަރުހުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން "ވަން" އަށް ދިން އިންޓަވިއުއެއްގައި ކ. ކާށިދު އަށް އުފަން މުހައްމަދު ފާރިޒު (ފާރި)ބުނީ އޭނާ ކިޔެވީ ކޮމާސް ސްޓްރީމް ކަމަށެވެ. ނަރުހުންގެ ދާއިރާ ނުވަތަ ސިއްހީ ދާއިރާއަށް ވަނުމުގެ ހިޔާލު އޭރު ނެތް ކަމަށް ފާރި ބުންޏެވެ.
"ކާފަ ބަލިވެގެން އަމިއްލައަށް ކަންކަން ނުކުރެވޭތީ ކާފަގެ ކަންކަން ކުރަން އުޅުނީ. ދެން އެހެން އުޅެފަ ހިތަށް އެރީ ނަރުހަކަށް ވާނީއޭ. ސަރުކާރުން އޭރު ސްކޮލާޝިޕްތަކަށް ހުޅުވާލާފަ އޮތް. ފުރަތަމަ އިނީ ރަށަކުން އެއް ކުއްޖަކަށް އިންޑިއާއަށް ގޮސް ކިޔެވޭ ގޮތަށް. އެކަމަކު އޭގެ ފަހުން އެ އުސޫލު ބަދަލުކޮށް އެއަށް އެޕްލައި ކުރި ހުރިހާ ކުދިންނަށް ފުރުސަތު ދިނީ." ނަރުހުންގެ ދާއިރާއަށް ވަނުމުގެ ދަތުރު ފެށިގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.
ފާރި ބުނީ އެއީ 2010 ވަނަ އަހަރު ކަމަށެވެ. ނާސިންގެ ޑިޕްލޮމާ ހަދަމުން ދަނިކޮށް ދިމާވި މައްސަލައަކުން ހެލްތު މިނިސްޓްރީން އެ ކޮލެޖު އަލުން ރިވިއު ކުރުމަށްފަހު އެމީހުން ކިޔަވާ ކޮލެޖަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލު ކުރާ ތަނަކަށް ނުވުމުން ކޯސް ހުއްޓާލަން އެންގި ކަމަށް އޭނާ ބުންޏެވެ.
ފާރި ބުނީ ރިވިއު ކުރުމަށްފަހު ސަރުކަރުން އެންގީ އަލުން ރާއްޖެ އައިސް ބޭނުން ދާއިރާއަކަށް ކިޔެވުމަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ސަރުކާރުން ޑިޕްލޮމާ އާ ހަމަޔަށް ކޯސް ފީ އާއި ކޮންމެ މަހަކު އެލެވެންސެއް ދޭން ނިންމި ކަމަށްވެސް ބުންޏެވެ.
"އިންޑިއާގަ ކިޔެވީ އަމިއްލަ ހަރަދުގަ. ސަރުކާރުން ކޯސް ހޯދަ ދިނަސް ފެމިލީން ބުނީ ދާށޭ ކިޔަވަން. ތިމަންނަމެން ހަރަދު ކުރާނަމޭ. ފެމިލީގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. ހާއްސަކޮށް އޭރުގެ ގާލްފްރެންޑް، މިހާރުގެ ވައިފްގެ ފަރާތުން. ދެން ކިޔަވަން ފަށައިގެން ޑިޕްލޮމާ ނިމެނިކޮށް ހެލްތުން ކޮލެޖު އަލުން ރިވިއު ކުރީ. އެކަމަކު އެއީ ސަރުކާރުން ކޯސް ހަމަޖައްސަދިން ކޮލެޖު ހަމަ. ދެން ކޮންމެވެސް މައްސަލައެއް ދިމާވީ. ދިމާވެގެން ރިވިއު ކުރީ. ރިވިއު ކޮށްފަ އެ ކޮލަޖަކީ އެމްކިއުއޭ ގަބޫލު ކުރާ ކޮލެޖެއް ނޫން ކަމަށް ނިންމީ. ރާއްޖެ އަންނަން ބުނީ. ދެން ރާއްޖެ އައިސް އެމްއެންޔޫ އާ ގުޅުނީ. ކޮމާސް ސްޓްރީމް ކިޔަވާފަ ހުރީމަ ފުރަތަމަ ޖެހުނީ ފައުންޑޭޝަނުން ފައްޓަން. ދެން ޑިޕްލޮމާ ނިންމީ 2015 ވަނަ އަހަރު. މިހާރު ޑިގްރީއަށް ކިޔެވުމުގެ މަސައްކަތް ކުރަމުން މިދަނީ." އޭނާ ބުންޏެވެ.
ފާރި ބުނީ އެންމެ ފުރަތަމަ ނަރުސްކަން ކިޔެވި އިރު ރާއްޖޭގަ ތިބީ އެންމެ ހަތަރު ފިރިހެން ނަރުހުން ކަމަށެވެ. އޭނާ އަކީ މި ދާއިރާއިން އޭރު ގުރެޖުއޭޓްވި ފަސް ވަނަ ފިރިހެން ނަރުސް ކަމަށެވެ. ކިޔަވަން ފެށުނު އިރު ކޮންމެވެސް ވަރަކަށް ގޮންޖެހުން ހުރި ނަމަވެސް މިހާރު މިދާއިރާގައި އުޅެން އުދަނގޫ ނޫން ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުސް އަހުމަދު އަލީގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނުކަން ފާހަގަކޮށް ފާރި ބުނީ ހިތްވަރު އެލުނު ވަގުތު ނަގައި ކޮޅަށް ޖެހީ އޭނާ ކަމަށެވެ. އަދި ފިރިހެނުންނަކީވެސް މިދާއިރާގައި މަސައްކަތް ކުރަން ޖެހޭނެ އަދި ކުރެވޭނެ ބައެއްކަން އޭނާ ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށްވެސް ބުންޏެވެ.
"ފުރަތަމަ މީހުން ބުނާނެ ތިއީ އަންހެނުން ކިޔަވާ ދާއިރާއެކޭ. ފިރިހެނުން ކިޔަވާ ދާއިރާއެއް ނޫނޭ ތިއީ. ފުރަތަމަ އެހެން ކިޔަން ފެށީމަ ހިތްވަރު އެލުނު. އެކަމަކު އައްމަޑޭ (އަހުމަދު) ގެ ފަރާތުން ވަރަށް ބޮޑު އިންސްޕިރޭޝަނެއް ލިބުނު. ވަރަށް ހިތްވަރުދިން. ދެން މިހާރު ވަރަށް ފަސޭހަ މިދާއިރާގަ އުޅެން. ބޭނުންވަނީ ވީހާވެސް ގިނަ ފިރިހެނުން މިދާއިރާއަށް ނިކުތުން." އޭނާ ބުންޏެވެ.
ފާރި ބުނީ ނަރުހުންނަކީ ފިރިހެނުން ކުރާ މަސައްކަތެއް ނޫން ކަމަށް ގަބޫލު ކުރާ މީހުންނަށް މިހާރު މާބޮޑު ސަމާލު ކަމެއް ނުދޭ ކަމަށެވެ. އަދި އެއީ އަންހެނުން އެކަނި ކިޔަވާ ދާއިރާއެއް ނަމަ ބަލިވާނީވެސް ހަމައެކަނި އަންހެނުން ކަމަށް އޭނާ ބުންޏެވެ.
ފާރި ބުނީ މި ދާއިރާގައި ކުރާ މަސައްކަތާއި ބަލައި ރަނގަޅު އުޖޫރައެއް ނުލިބޭކަން ކަމަށެވެ.
"އަސްލު އަހަރެމެން މިކުރަނީ އުނދަގޫ އަދި ރިސްކު ބޮޑު މަސައްކަތެއް. މި ދާއިރާގަ ނޯންނާނެ ނޫނެކޭ ބުނެވޭނެ ކަމެއް. މިސާލަކަށް ބުނާ ނަމަ ކޮވިޑު ތެރޭގަ ހަމައެކަނި ކާށިދޫ ކޭސްތަކެއް ނޫން ބަލަން ޖެހޭނީ. އެބަ އާދޭ ޅ. އަތޮޅުންވެސް ކޭސްތައް އެޓެންޑު ކުރަންޖެހޭ. އެއްފަހަރު ހެނދުނު 7:00 ގަ ޑިއުޓީ އަށް އެރީ. ހަވީރު ފަހެއް ޖަހައި ބޮޑުވިއިރު ނުނިމޭ.. އެހެން ހުއްޓާ އެންގީ ޅ. އަތޮޅުގަ އޮތް ބަލި މީހަކު ނަގައިގެން ބ. އަތޮޅު މެޑިކަލް ފެސިލިޓީއަށް ގެންދަން. އެއީ ކިހާ ވަރެއްގެ ކިހިނެއްވާ ޕޭޝަންޓެއްތޯވެސް ނުބަލަން. ވަރަށް ވިއްސާރަ ކަނޑުވެސް ވަރަށް ގަދަ. ކޯސްޓުގާޑުގަ ދިޔައީ ސީއެމްބިއުލާންސަށް ދަތުރު ނުކުރެވިގެން. ވަކި ހިސާބަކުން އޮފިސަރު ބުނީ އޮޅުވެލިފުށްޓަށް ދިޔުމުގެ ކުރިން ހިންނަވަރުން ދެ ޕޭޝަންޓުން ނަގަން އެބަޖެހެއޭ. ދެން މި އެނގުނީ ހިންނަވަރުން ނަގަން މިޖެހުނީ ދުވަސް ފުރިފަ އިން މާބަނޑު މީހަކާ ފިޓުޖެހޭ މީހެއް. ދެ މީހުންވެސް ޕޮޒިޓިވް. އެމީހުންގެ އެޓެންޑެޓުންވެސް ޕޮޒިޓިވް. އޮޅުވެލިފުށީގަވެސް އިނީ ދުވަސްފުރިފަ އިން މާބަނޑު މީހެއް. މި ތިން ޕޭޝަންޓުން އޭދަފުށްޓަށް ލާފަ އާދެވުނީ އަނެއް ދުވަހު ހެނދުނު 7:00 ޖެހި އިރު." އެންމެ ހަނދާނުން ފޮހެލަން ދަތިވި އެއް ކަންތައް ހިއްސާކުރަމުން އޭނާ ބުންޏެވެ.
ފާރި ބުނީ މި ހުރިހާ ކަމަކަށް ބަލާއިރު ސިއްހީ ހިދުމަތްތެރިންގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަ ކަމަށެވެ. ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއެކު އުއްމީދު އާލާވެގެން ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން އުއްމީދު ކުރަނީ ކުރާ މަސައްކަތާ އެކަށީގެންވާ ހެޔޮ ބަދަލެއް މުސާރައިގެ އޮނިގަނޑަށްވެސް އައުން ކަމަށެވެ.
ކާށިދޫގެ ފުރަތަމަ ފިރިހެން ނަރުސް އަދި ތިން ކުދިންގެ ބައްޕަ، ފާރި ބުނީ މިހާރު ރާއްޖޭގައި ތިބި ހުރިހާ ފިރިހެން ނަރުހުން ބައިވެރިވެގެން ގުރޫޕެއް ހަދާފައިވާ ކަމަށެވެ. އަދި އެ ގުރޫޕު މެދުވެރިކޮށް ފިރިހެނުންވެސް މި ދާއިރާއަށް ނެރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މިހާރުވެސް 80 ފިިރިހެން ނަރުހުން ކިޔެވުން ހާސިލު ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. އެކަމަކު ބޭނުންވަނީ މިއަށްވުރެވެސް ގިނައިން ފިރިހެނުން މި ދާއިރާއަށް ނިކުތުމަށް ކަމަށް އޭނާ ބުންޏެވެ.
ފާރި ބުނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައި އަދި ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ފިރިހެން ނަރުހަކު ހުންނަތަން ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް