ލައިފް ސްޓައިލް

މި އަންހެންކުއްޖާއަށް ސެލިއުޓް! ހުރިހާ ވަގުތެއް ކާފަޔަށްޓަކައި، އެއީ ކާފަ ކޮޅަށްހުރުމުގެ އުއްމީދު!

މަރިޔަމް ޝަފާ އިބްރާހިމް

3

ފޭސްބުކް، މޫނުފޮތުގައި ކޮންމެވެސް ފަރާތަކުން ހިއްސާކޮށްފައިވާ ތަސްވީރެކެެވެ. އެކިފަރާތްތަކުން ހިއްސާކުރަމުން އައިސް އަހަރެމެންނާއި ހަމަޔަށްވެސް މިތަސްވީރު އަތުވެއްޖެއެވެ.

ތަސްވީރު ފުރަތަމަ ފެނުމާއިއެކުވެސް މި ފޮޓޯތަކަށް ޝައުގުވެރިކަން ހުއްޓެއެވެ.

މާޝާﷲ! ކޮންފަދަ ހިތްގައިމު މަންޒަރެއް ހެއްޔެވެ! ތަސްވީރުން ފެންނަނީ ޅަޒުވާން އަންހެންކުއްޖަކު، އޭނާގެ ސައިކަލުގައި، އޭނާގެ ކުރިއަށް އުމުރުން ދުވަސްވީ ފިރިހެނަކު ލައިގެން، ހަވީރު ފިންޏަށް ދުއްވާ މަންޒަރެވެ. ތަސްވީރުގެ ތަފުސީލުގައި ހިތްގައިމު، އަސަރުގަދަ މަންޒަރެއް ކަމަށް ހާމަކޮށްފައިވާއިރު އެއީ ތ އަތޮޅު ހިރިލަންދޫ ކަމަށްވެސް ބުނެފައިވެ އޮތެވެ. ފޮޓޯ ނެގީ ކޮންފަރާތަކުން ކޮން އިރަކު ކަމެއް ނޭނގެއެވެ. ހަމަޔަގީނުން ވެސް މިއީ އަމިއްލައަށް މިތަސްވީރުގައިވާ ބަޔަކު ހިއްސަކޮށްފައިވާ ފޮޓޯއެއް ނޫނެވެ.

ފޮޓޯގެ ހަގީގަތް ހޯދުމަށް އެފޮޓޯ ހިއްސާކޮށްފައިވާ ފޮޓޯގްރާފަރަށް ގުޅައި އޮޅުން ފިލުވުމުން، އެއީ ވަރަށް ގިނައިން ފެންނަ މަންޒަރެއްކަމަށް ބުންޏެވެ. އޭގެން އެފެންނަނީ އަންހެންކުއްޖަކު އޭނާގެ ކާފަ ގޮވައިގެން ހަވީރު ފިންޏަށް ދުއްވަމުންދާ މަންޒަރުކަމަށާއި އެ އަންހެންކުއްޖާ ވަރަށް ގިނައިން، ކާފަ ގޮވައިގެން އެގޮތަށް ދުއްވަންދެއެވެ.

އަންހެންކުއްޖާގެ ނަންބަރު ހޯދައިގެން "ވަން" އިން އެކުއްޖާއަށް ގުޅުމުން ތަސްވީރުގައި އެވާ ކާފަޔާ ބެހޭ ގޮތުން އެކުއްޖާ ދެއްކި ވާހަކަތައް އިވުމުން ޝައުގުވެރިކަން އިތުރުކުރުވައެވެ. މިއީ ހަމަގައިމުވެސް ވާހަކައެއް ނުވަތަ ރައިވަރެއް ނޫނީ ޅެމެއް އަދި ލަވައެއްވެސް ނޫނެވެ. އެއީ އުމުރުން ދުވަސްވެ ލޯބޯކޮށިވެފައި އިނަސް، އިރެއްގައި ގަދަފަދަ، ޒުވާން، ބާރުހުރި ކެޔޮޅެކެވެ.

މިއީ ތ.ހިރިލަންދުއަށް އުފަން އެރަށު 'ކަޝްމީރު' އައިޝަތު ސުވޭދާ، ސުވޭ ގެ ވާހަކައެވެ. އަދި ތަސްވީރުން އެފެންނަ ސުވޭގެ ކާފަ، ތ.ހިރިލަންދޫ، ފަރިޔާދުގުލްޝަން އާދަމްފުޅު ހަސަން، އާދަމްފުޅުގެ ވާހަކައެވެ.

ސުވޭ 'ވަން' އަށް އޭނާގެ ހަޔާތުގެ އެންމެ ހާއްސަ، އެންމެ މުހިންމު ފަރާތަކީ އޭނާގެ ކާފަ ކަމަށާއި ކާފަގެ ވާހަކައަކީ ވަރަށްވެސް ފުރިހަމަ، އެހާމެ މަޝްހޫރު ވާހަކައެއް ކަމަށް ބުނެ ކިޔައިދިނީ އޭނާގެ ވާހަކައާއި ކާފަގެ ވާހަކައެވެ.

ސުވޭގެ ކާފަ އާދަމްފުޅަކީ މުޅި އަތޮޅުގައިވެސް މަޝްހޫރު، ގަދަފަދަ ކެޔޮޅެއްކަމަށާއި ރިޔަލު ދޯނި ޒަމާނުގައި ކާފައަކީ އެންމެ ކާމިޔާބު، އެންމެ މޮޅު، ކެޔޮޅުކަމުގައި، ގުނައިލެވޭ މީހެއްކަމަށް ސުވޭ ކިޔައދިނެވެ. އެއަށްވުރެވެސް ހާއްސައީ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި، ފާގަތި، ތަނަވަސް އާއިލާއެއް ބިނާ ކުރުމުގައި ކާފަ، ނުހަނު ލޯބިވާ އަނބިމީހާ އާއި ކާފަގެ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް ކުރި އާދަޔާހިލާފު އިތުބާރާއި ހަޔާތުގެ އެއްބައިވަންތަ ހިއްސާވުމެވެ. މިއީ މިއަދުގެ ޒުވާނުންގެ ކިބައިން މަދުން ނޫނީ ނުފެންނަ، އެހެނަސް މުޖުތަމައަށް އެންމެ ބޭނުންތެރި މަންޒަރެކެވެ.

ސުވޭގެ ވާހަކައަކީ ހިތާމަވެރި ވާހަކައެކެވެ. މިހާ ޅައުމުރުގައި ނުހަނު ބޮޑު ވޭނެއް ތަހައްމަލު ކުރަމުންދާ ސުވޭގެ އެވާހަކަ އިވުމުން ހައިރާން ވާނެކަން ގައިމެވެ.

ސުވޭގެ މައިބަދައިގެ ދެބަދަ ހުންނަނީ އުފެދުމުގައިވެސް ނުޖެހި ދުރުގައެވެ. އެންމެ ކުޑައިރުއްސުރެވެސް މިތަދު އިހުސާސް ކުރަމުން އައިސް، އުމުރުން 13 އަހަރުގައި ޑޮކްޓަރު މުޒުނީއަށް ދެއްކުމުން ލިބުނު އެހަބަރަކީ ހިތަށް ކެތްކުރަން، އަދި އެނގުމުން ކެތްކުރަންވެސް ފަސޭހަ ނޫން ހަބަރެކެވެ. އުފެދުމުގައި ހުރި މިމައްސަލަ، އިތުރަށް ގޯސްވެފައި ވަނީ ލިބިފައިވާ އަނިޔާއެއްގެ ސަބަބުންކަމަށާއި ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދަކީ ކޮންމެ ދުވަހަކުވެސް ބައިގަޑިއެއްހާ އިރު މޫދަށް ދިއުމަށެވެ. ގަވައިދުން ކާން ޖެހޭ ވިޓަމިނެއް ދިންކަމަށްވެސް ސުވޭ ބުންޏެވެ.

ސުވޭގެ މަންމަ، ނަފީސާ އާދަމް، ކިޔައިދިން ގޮތުގައި ސުވޭގެ އުނަގަނޑުގައި ރިއްސާތީ، ޑޮކްޓަރަށް ދައްކަމުން ގޮސް، އެންމެ ފަހުން އެމްއާރްއައި އެއް ހެދުމުން އެނގުނީ ސުވޭގެ މައިބަދަ ދުރުވަމުންދާކަމެވެ. އުފެދުމުގައިވެސް ސުވޭގެ މައިބަދައިގެ ދުރުކަމެއް ހުރުމުން، އަނިޔާތަކާއި، ފަރުވާއެއް ނުކުރެވި އުމުރުން ދުވަސްވާ ވަަރަކަށް، ދެބަދަ ދުރުވަމުންދާކަމަށް ޑޮކްޓަރުން އެމްއާރްއައި ބެލުމަށްފަހު ބުނެފައިވެއެވެ. އަދި މޫދަށްގޮސް ލޮނުގަނޑުގެ ތެރޭ، ފަތާލައި، ހަރަކާތްތެރިވުމަށް، ޑޮކްޓަރުން އިރުޝާދު ދިންކަމަށް ސުވޭގެ މަންމަ ބުންޏެވެ.

ރަށުގައި އުޅެބޮޑުވިނަމަވެސް، ސުވޭގެ ދައްތައަށް ދަރިފުޅަކު ލިބުމުން ވަރަށް ފަހުން މާލެއައިސް އެކުއްޖާގެ ބޭބީސިޓާއެއްގެ ގޮތަށް އުޅެފައި، މަންމަ ބަލިވެގެން ރަށަށް ގޮސް އުޅެމުން އަންނަ ސުވޭ ބުނި ގޮތުގައި އޭނާގެ ހުރިހާވެސް މީހަކީ ކާފައެވެ. ކާފަ ގޮވައިގެން އެގޮތަށް ބޭރަށް ނުކުމެ، ސައިކަލު ބުރުޖަހާލައި، ހަވީރު ފިންޏަށް ދުއްވުމަކީ ސުވޭގެ މުޅިދުވަސް ފުރިހަމަވާ ކަމެކެވެ. ވިއްސާރަ ނޫން ކޮންމެ ދުވަހަކުވެސް ކާފަ ގޮވައިގެން މިގޮތަށް ސުވޭ ދުއްވަން ދެއެވެ. ކާފަޔާއެކީ އެންމެ ކުޑައިރުވެސް ސުވޭގެ ހުރިހާ ވަގުތެއް ހޭދަކޮށްފައިވާތީ ސުވޭއަށް ކާފަގެ ވަރަށްގިނަ ކަންތައް ފެނި، ވަރަށްގިނަ ވާހަކަ އެނގެއެވެ.

ސުވޭ ކިޔައިދިން ގޮތުގައި ކާފައަކީ ހަމައެކަނި ކެޔޮޅެއް ނޫނެވެ. ހޭންޑިކްރާފްޓް ނުވަތަ އަތްތެރި މަސައްކަތް ކުރުމުގައިވެސް ކާފައަކީ ހަމައެއްވަނައެވެ. ގެދޮރު އިމާރަތް ކުރުމުގައިވެސް ކާފަޔަކީ އެހާ މޮޅު މާވަޑިއެއްވެސް މެއެވެ. ކުޑައިރު، މާމަ މާލެ ދިއުމުން ކާފަ ގާތުގައި ނިދަނީ ސުވޭކަމަށާއި އެފަދަ ރޭތަކުގައި ކާފަ ސުވޭއަށް އިސްލާމްދީނުގެ އިބްރަތްތެރި، ހަގީގީ ވާހަކަތަކާއި މުހިންމު އެތައް މައުލޫމާތުތަކެއް ބުނެދީފައިވެއެވެ. ސުވޭގެ މަންމަގެ ފަރާތު މިކާފައަކީ ދޮންކާފަކުދީންނާއި އުފަން ކާފަ ކުދީންނާ އެއްވެސް ތަފާތުކަމެއް ނުގެންގުޅޭ ވަރަށްވެސް އޯގާތެރި، ލޮބުވެތި މީހެއްކަމަށް ސުވޭ ކިޔައިދިނެވެ.

ސުވޭގެ އުމުރުން ހަމައެންމެ އެގާރަ އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް ކާފަގެ ފަރާތުން ބައްޕަގެ ލޯބިވެސް އެންމެ ފުރިހަމައަށް ސުވޭއަށް ލިބެއެވެ. ކާފަގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ސުވޭ ބޭނުންވަނީ ކާފަގެ އެހީތެރިއެއްގެ ގޮތުގައި ހުންނާށެވެ. މިއަދު ކިރިޔަކިރިޔާ ހިނގޭވަރުގެ އުމުރުގައި ހުރި ކާފަ، ހިނގުމުގައި ބޭނުން ކުރާ ދަނޑިގަނޑަކީ، ހިނގުމުގައި ބޭނުންކުރާ އެހީތެރިޔަކީ ސުވޭކަމުގައި ގިނަވަގުތު ވެގެން އުޅޭއިރު، ސުވޭއަށް އެފަދަ ލޮބުވެތި ދެވަނަ އިންސާނަކު ނުވެއެވެ. ސުވޭގެ އެދުރަކީވެސް ކާފައެވެ. އެންމެ ގާތް އެކުވެރިޔަކީވެސް ކާފައެވެ.

ކާފައާއި މާމަގެ ވާހަކައަކީ ކާފަ ކިޔައިދޭ ރީތި ފިލްމެއް ކަހަލަ ހަގީގީ ވާހަކައެކެވެ. ދިރިއުޅުމުގައި ޖެހުނު ކޮންމެ މަސައްކަތެއްގައި އެއްވެސް އުނދަގޫކަމެއް ނެތި، އެމަސައްކަތެއް ކުރަން އެނގޭ، އާދަމްފުޅަކީ އޭނާގެ ޒަމާނުގައި އެންމެ ވަރުގަދަ ކެޔޮޅެވެ. ރޭނުމުގެ މަސައްކަތާއި ވަޑާމުގެ މަސައްކަތަށް ދެވަނައެއް ނުވާ އާދަމްފުޅުގެ އަލަތު އަދި ހަމައެކަނި އަނބިމީހާ މަރިޔަމް އަބްދުﷲއަކީ އޭނާގެ ހިތުގެ ވިންދެވެ. މިކާފަ އާއި މާމަގެ ދިރިއުޅުމަކީ، އެދެމަފިރިންގެ ހަޔާތަކީ މިއަދުގެ ޒުވާނުންނަށް ނަމޫނާއެކެވެ.

ސުވޭ ކިޔައިދިން ގޮތުގައި އެޒަމާނުގައި މާމަ މާލެދިއުމުން، ކާފަ ރަށުގައި މަސައްކަތް ކުރަން މަޑުކޮށްގެން ހުންނަ އިރު ކުދިންގެ ހުރިހާ ކަންތައްތައްވެސް ކުރަނީ ކާފައެވެ. ދެމަފިރިންނަށް ލިބިފައިވާ ގާބިލުކަމުން، އެމީހަކަށް ލިބިފައިވާ އިލްމާއި ހިލްމު ބޭނުން ކުރުމުގައި ވަކި ޖިންސަކަށް ތަފާތު ކުރުމެއް މިދެމަފިރިން ނުގެންގުޅެއެވެ. އެގޮތުން އެކަކު އަނެކަކަށް އެއްބާރުލުންދީ، އެއްވެސްކަމެއް ސިއްރުކުރުމަކާ ނުލައި، އެކަކު އަނެކަކަށް ހިއްސާ ކޮށްގެން، ހަޔާތުގެ ހުރިހާ ކަމެއް އެއްވަރަކަށް ބަހާލައިގެން ކުރިއަަށް ގެންދިއުމުގެ ނަތީޖާއަކީ އަދިވެސް މިއަދުވެސް އެދެމަފިރިންގެ ލޯބި ފަނޑުނުވާ ކަމެވެ.

އާދަމްފުޅު ބުނާ ގޮތުގައި އާދަމްފުޅުގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ އަކީ އޭނާއަށް ލިބުނު ހިތްވަރުގަދަ، ކެރޭ، އެހާމެ ގާބިލު އަނބިމީހާއެވެ. އާދަމްފުޅާއި މަރިޔަމް އަބްދުﷲ ކައިވެންޏެއް ކުރީ ވަރަށް، ވަރަށް ބޮޑަށް ލޯބިން، އެހާމެ ބޭނުންވެގެންނެވެ. ދޮށީ އަންހެންދަރިފުޅު ނަފީސާއަށްފަހު ދެން ލިބުނު ދަރިފުޅު އިބްރާހިމްފުޅު ވީ ބަލިކުއްޖަކަށެވެ. އެހެންނަމަވެސް މިދަރިފުޅުވެސް ކައިވެންޏެއް ކުރިއެވެ. މިއަދު މިދަރިފުޅު ދުނިޔޭގައި ނެތަސް، އިބްރާހީމްފުޅުގެ ކުދީންނާއި ހުވަފަތް އަނބިމީހާއަށް އާދަމްފުޅާއި މަރިޔަމް އެދެމީހުންގެ ލޯބި ބަރާބަރަށް ހިއްސާކުރެއެވެ.

އާދަމްފުޅު، އޭނާގެ އަލަތުއަނބިމީހާއާއެކު ނުހަނު ލޯބިން ހަޔާތެއް ވޭތު ކުރަމުން އަންނަނިކޮށް ވަކިވާން ޖެހުނު ހާލަތެއް ދިމާވިނަމަވެސް، އަނެއްކާވެސް އަނބުރާ އެދެމީހުން ވަނީ، މޮހާލެވުނު ޒަވާޖުގެ ގޮށް، އަލުން، ކުރިއަށްވުރެ ބާރުގަދަ ބަނދެވުމަކުން ގޮށްޖަހައި ބަނދެފައެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެެދެމަފިރިން ފަހަރެއްގައިވެސް، އެއްވެސް މައްސަލައެއްގައި، ވަކިވެފައެއް ނެތެވެ. އެންމެފަހުން މިހާރު، އުމުރުގެ އެންމެ ފަހު ދުވަސްތައްވެސް ދެމީހުން ގުނަމުން އެއަންނަނީ އެކުއެކީގައެވެ. އެއީ ޒުވާން ދުވަސްވަރު ދެމީހުން ދުށް ހުވަފެނެކެވެ.

"އަހަރެމެން މުސްކުޅިވެ، ގައިބާރުދެރަވެ، ހަޔާތުގެ އެންމެ ފަހު ދުވަހުވެސް ގުނާނީ އެކުއެކީގައި، ނިމިގެންދާނީވެސް އެކުގައި އުޅެމުން." މިއީ އޭރު އާދަމްފުޅާއި މަރިޔަމް، އާދެ، ސުވޭގެ ކާފައާއި މާމަގެ ވައުދުތަކާއި ހުވާތަކެވެ.

މިހާރު ވާހަކަ ދެއްކުމަށް ދަތިނަމަވެސް އާދަމްފުޅާ "ވަން"އިން ކުރި ސުވާލަށް އޭނާ ދިނީ އިބުރަތުން ފުރިފައިވާ ޖަވާބެކެވެ.

"ދުނިޔެ އާރާސްތު ކުރެވިއްޖެ، ދުއާއަކީ އާހިރަތްވެސް ބާއްޖަވެރިވެ ސުވަރުގޭގައިވެސް އެކުއެކީގައި ލެއްވުން."

ސުވަރުގެއިން އަނތްބެއްގެ ގޮތުގައި ހަމަ މިއަނބިމީހާ ދެއްވުމަކީ ސުވޭގެ ކާފަގެ ދުއާއެކެވެ. އާދަމްފުޅުގެ ދުލުން އޭނާގެ ލޮބުވެތި އަނބިމީހާދެކެ އިންތިހާއަށް ލޯބިވާ ވާހަކަ އާއި ދިރިއުޅުން ފުރިހަމަ ވެގެން ގޮސްފައިވަނީ އެއަނބިމީހާގެ ވަރަށް ބޮޑު ހިއްސާއަކާއި ހިތްވަރަކުންކަމަށާއި، އެކުއެކީގައި އުމުރުންދުވަސްވެ މުސްކުޅިވެފައިވާ ގޮތަށް، އާހިރަތުގެ ގޮވަތީގައިވެސް މަރިޔަމް އޭނާގެ އަނތްބެއްގެ ގޮތުގައި ލެއްވުމަށް އާދަމްފުޅު ދުއާކުރެއެވެ. ވާހަކަ ދެއްކޭ ވަރަށްވުރެ ހާލުދެރަ މަރިޔަމްގެ ފަރާތުން ވާހަކަ ދެއްކީ ސުވޭއެވެ. ސުވޭ ބުނި ގޮތުގައި މާމައަށް އެއްވެސް ހާލެއްގައި ކާފަޔާ ވަކިން އުޅުމަކަށް ފަސޭހައެއް ނޫނެވެ. އޭގެ ހެއްކަކީ އެތައް ބައިވަރު ހުރަސްތަކެއް ގިރާކޮށްފައިވެސް މާމަ އެނބުރި އަބަދުވެސް ކާފަ ގާތަށް އަންނަ ކަމެވެ. މިހާރުދެން ކާފަގެ އުފަލަކީ ކާފަކުދިންގެ ލޯތްބާއި އެކުދިންގެ އުފާވެރި ހިނިތުންވުންތަކާއި ލޮބުވެތި އަދާތަކެވެ.

ސުވޭގެ މިރީތި ވާހަކަ އިވުމުން ނޭނގިހުއްޓައި، އިހުތިޔާރަކާ ނުލައި އެސްފިޔަތައް ތެމޭނެކަން ގައިމެވެ. އެހާވެސް އަސަރުހުރި ލޯބިވެތި ވާހަކަތަކެކެވެ. ސުވޭ ކަހަލަ ޒުވާން ކުދިންނަށް ގައުމު ސެލިއުޓު ކުރާނެއެވެ.

'ވަން' އަށް މިހާއްސަ ވާހަކަކޮޅު ހިއްސާކުރި ކަމަށްޓަކައި ސުވޭއަށް ޝުކުރު އަދާކުރަމެވެ. އަދި ކާފަދެކެ މިހާބޮޑަށް ލޯބިވާ ކާފަދަރިފުޅަކާ ބައްދަލުވީތީ، "ވަން" އިން ސުވޭއަށް ހާއްސަ ސަލާމެއް ވެދުން ކުރަމެވެ. 'ވަން' އިން އެދެނީ ސުވޭގެ އުއްމީދުތަކާއި ހުވަފެންތައް ފުރިހަމަވެ، ކާފައަށް އަދަށްވުރެ ފަހި މާދަމާއެއް ލިބުމަށެވެ. ސުވޭގެ ކާފަ، އާދަމްފުޅަށް އޭނާގެ ހަޔާތުގެ އެންމެ ފަހުގެ އުއްމީދު ފުރިހަމަވުމަކީވެސް 'ވަން' ގެ އެދުމެކެވެ. އަދި ސުވޭއާއި ސުވޭގެ ކާފައާއި އާއިލާއަށް 'ވަން"އިން އެދެނީ ފާގަތި ދުވަސްތަކަކަށެވެ.