ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އިފެލް ޓަވަރަށްވުރެ ބޮޑު ގިނިހިލައެއް ދުނިޔެއާ ދިމާލަށް ބާރު ސްޕީޑުގައި ދަތުރުކުރަމުންދާ ކަމަށާއި މި ހިލަ ދުނިޔެއާ އެންމެ ގާތްވާނީ މިމަހު 15 ވާ އާދީއްތަ ދުވަހު ކަމަށް އެމެރިކާގެ ޖައްވާއިބެހޭ އިދާރާ، ނާސާއިން ބުނެފިއެވެ.

މި ހިލަޔަށް ސައިންސްވެރިން ދީފައިވާ ނަމަކީ 2008 ޓީޒެޑް 3 އެވެ. މި ހިލަ ދުނިޔެއާ އެންމެ ގާތްވާއިރު ދޭތެރޭގެ ދުރުމިނުގައި 3.5 މިލިޔަން މޭލު ހުންނާނެ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ. އެހެންވީމާ ދުނިޔެއާ މުޑިއަރައި ސަރަހައްދެއް ފަނާވުމުގެ ބިރު ނެތްކަމަށްވެސް ބުނެއެވެ. މިއީ ކޮންމެ ދެއަހަރަކުން އެއްފަހަރު އިރުގެ ވަށައިގެން ބުރެެއް ފުރިހަމަކުރާ ގިނިހިލައެކެވެ. އެންމެފަހުން 2020 ވަނަ އަހަރު އޭގެ ދަތުރުގައި ދުނިޔެއާ މާކައިރިން ބުރެެއް އެޅިއެވެ. އެފަހަރު މި ގިނިހިލަ ދުނިޔެއާ 1.7 މިލިޔަން މޭލަށް ގާތްވިއެވެ.

ސައެންސްވެރިން ބުނާގޮތުގައި މިފަހަރުގެ ބުރު ފުރިހަމަކުރުމަށްފަހު އަނެއްކާވެސް 2024 ވަނަ އަހަރު މިހިލަ ފެންނާނެއެެވެ. އެކަމަކު ދުނިޔެއާ 6.9 މިލިޔަން މޭލު ދުރުންނެވެ. ކޮންމެ ބުރެއްގައި ދުނިޔެއާ ދުރަށް ޖެހެމުންގޮސް ދެން އެންމެ ގާތްވާނެ ކަމަށް އަންދާޒާ ކުރެވިފައިވަނީ 2163 ވަނަ އަހަރުގައެވެ. އެފަހަރުވެސް 3 މިލިޔަން މޭލަށްވުރެ ގާތެއް ނުވާނެއެވެ. ޖައްވީ ދުރުމިނުގައި 3 މިލިޔަން މޭލަކީ ވަރަށްވެސް ގާތް ދުރުމިނެކެވެ.

ދުނިޔެއާ މުޑިއެރުން އެކަށީގެންވާ މިސްރާބުން ދަތުރުކުރާ އެންމެހައި ގިނިހިލަތައް ފާހަގަކޮށް އެތަކެއްޗަށް ނާސާއިން ދަނީ ފާރަލަމުންނެވެ. އެހެންނަމަވެސް ކުރިން ފެނިފައިނުވާ އަދި އެނގިފައިނުވާ ކިތަންމެ ހިލައެއް ދުނިޔެއަށް ހިޔަނި އަޅައި ފަސްދީފައިދާ ފަހުން ފެނިފައިވެއެވެ. މިހާތަނަށް ދުނިޔެއަށް ވެއްޓުނު އެންމެ ބޮޑު ގިނިހިލަޔަކީ މީގެ 66 މިލިޔަން އަހަރުކުރިން މިހާރުގެ މެކްސިކޯއަށް ވެއްޓުނު 7 މޭލުގެ ބޮޑު ހިލައެކެވެ. ދުނިޔެއިން ޑައިނަސޯތައް ނެތިގެން ދިޔައީ އެހާދިސާގައި ކަމަށް ބުނެވެއެވެ.