ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ހައްޔަރުކުރީ އެމަނިކުފާނުގެ އަމުރަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ހައްޔަރުކުރަން ޖެހިވަޑައިގެންނެވި ސަބަބު ހާމަކުރައްވައިފައެވެ.
ޔާމީން ވިދާޅުވި، އެމަނިކުފާނުގެ ވެރިކަމުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ މައުމޫން ކަމަށެވެ.
އަމުރު ނެރުމުން ކުއްލި ހާލަތު އިއުލާންކުރައްވައި އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް މައުމޫނެވެ. މިއަދު ޔާމީން ވިދާޅުވީ މައުމޫން ހައްޔަރުކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މައާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާ އެކީގައި ދައުލަތަށް މަޖުބޫރުވީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މައުމޫން ހައްޔަރުކުރަން ލަފާދެއްވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ކަމަށާއި މައުމޫން ހައްޔަރުކުރަން އެއްވެސް އިރަކު ބޭނުންފުޅު ނުވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައި ރިޔާޒް ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި އެތައް ސިޔާސީ ލީޑަރުންނެއް ޖަލު ގޮޅިއަށް ލެއްވެވީ އެމަނިކުފާނުގެ އަމުރަށް ގާނޫނީ ހަމަތަކުގެ ބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ސިޔާސީ މީހުން ޖަލަށްލައި ހައްދަވާފައިވަނީ އެމަނިކުފާނުގެ އަމުރަށް ގާނޫނީ ހަމަތަކުގެ ބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރައްވައިގެން. އެގޮތަށް ހިންގާފައި ހުރި ކަންކަން ބެލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތައް ތަންފީޒު ނުވުމަކީ މުއައްސަސާތަކުގެ އިހުމާލެއް،" ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫން ގުޅިގެން 2017 ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވައެވެ. ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ރިޔާޒްގެ ފޯނު އަތުލައި ޕާސްވޯޑު ދިނުމަށް އެދިފައެވެ. ފޯނުގެ ޕާސްވޯޑު ދިނުމަށް ރިޔާޒް އިންކާރުކުރުމުން ފުލުހުން ކޯޓު އަމުރެއް ހޯދި ނަމަވެސް، ފޯނުގެ ޕާސްވޯޑު ދިނުމަށް ރިޔާޒު ދެކޮޅު ހެއްދެވިއެވެ.
އޭރު ރިޔާޒްގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު