ރާއްޖޭގެ އާއި ދުރުން އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި ނަމަވެސް ހުޅަނގު މޫސުމުގެ ވަޔާއި އެކު ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާއިރާއިން ބުނެފިއެވެ.

ހުޅަނގު މޫސުން ފެށިފައިވާއިރު ރާއްޖޭގެ އުތުރުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން "އަސަނި" ވަނީ އުފެދިފައެވެ. އަދި ސަދަން ހެމިސްފިއާގައި ތޫފާން "ކާރިމް" ވެސް ވަނީ އުފެދިފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ މި ދެ ތޫފާނުގެ މިސްރާބު މިހާރު ހުރީ ރާއްޖެއާއި ދުރަށް ކަމަށާއި ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. ނަމަވެސް ހުޅަނގު މޫސުން ފެށިފައިވާތީ މޫސުން ގޯސްވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެމަށް ފަހު މެޓް އޮފީހުން މިހާރުވަނީ ދެކުނަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ.

ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު 14:00 އާ ހަމަޔަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށެވެ. އަދި މޫދު ލޮނުގަނޑު 1.8 ފޫޓަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.