ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ގައި ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މި މަހު 29 ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި، ހޮޓެލް ޖެންގައެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18ގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް އެކަންޏެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން، ޖުމްލަ 258.3 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ 1.7 ބިލިއަން ރުފިޔާގެ ސާފު ފައިދާގެ ތެރެއިން 35 ރުފިޔާގެ މަގުން 188.3 މިލިއަން ރުފިޔާ ބަހަން ވެސް ނިންމައިފައެވެ. އަދި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން 69.9 މިލިއަން ރުފިޔާ ބަހަންވެސް ވަނީ ނިންމައިފައެވެ.

ބީއެމްއެލްއިން ބުނީ އިންޓެރިމް ޑިވިޑެންޑް ދޭނީ މިދިޔަ މަހުގެ 10ގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ކަމަށާއި ފައިނަލް ޑިވިޑެންޑް ދޭނީ މިމަހުގެ 16ގެ ނިޔަލަށް ތިބި ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

އަހަރީ ޖަލްސާ ކުރިއަށްދާނީ ޕްރީ ރެޖިސްޓާކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންގެ ހާޒިރުގައި އަދި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ޖަލްސާގައި ވޯޓުލުން ކުރިއަށްދާނީ ވެސް ފަހިވޯޓު މެދުވެރިކޮށެވެ.

ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެއެވެ. އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ ރެޖިސްޓްރޭޝަން ފޯމު ބީއެމްއެލްގެ [email protected] އީމެއިލް އެޑްރެހަށް މެއިލްކޮށްގެން ރެޖިސްޓާ ކުރެވޭނެއެވެ. އަދި އެ ޖަލްސާގައި ބައިވެރިވާން ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް މާދަމާއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާނެއެވެ.