ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ، މިދިޔަ އަހަރަށްވުރެ 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.
"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި 180 ގައުމެއް ހިމެނޭ އިރު، މިދިޔަ އަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 72 ވަނައިގައެވެ. މިއަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން 2018 ވަނަ އަހަރު އެ ލިސްޓުގެ 120 ވަނައިގައި ރާއްޖެ އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނައެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ.
"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީއެވެ.
ނޫސްވެރިޔާއަށް މައުލޫމާތު ފޯރުކޮށްދޭ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ މީޑިއާގެ މައްޗަށް މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގާނޫނުއަސާސީގައިވާ ނޫސްވެރިކަމުގެ ހައްގު ހަނިވެގެންދާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ މަސްދަރު ހޯދަން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މަސައްކަތްކޮށްފައިވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވަނީ، ހަރުކަށި ފިކުރާއި ގޭންގުތަކުގައި ހިމެނޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް އިންޒާރުދެމުންދާ ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ މައްސަލަ ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.