ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސައާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ. އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވަގުވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ފެނިފައިވެއެވެ. އަދި ބަލައި ފާސްކުރި ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ފެނިފައިވެއެވެ. އެގޮތުން ޖުމުލަ 79 ފުޅި ބަނގުރާ ފެނިފައިވާ އިރު، 245000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ.