ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫއުގެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީން މިއަދު ބުނީ، ފެލިވަރު ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 ޕަސަންޓް ނިމިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި 229،663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށިލުމާއި 148 މީޓަރުގެ ސަރަހަދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އެ ދެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 113.3 މިލިއަން ރުފިޔާއަށެވެ. ފެލިވަރުގެ ބިން ހިއްކައި ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމު ތޮށި ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖުގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު