ލައިފް ސްޓައިލް

ޔޯމާ: ޔޫތު އޮން ދަ މޫވް: ޒުވާނުންނަށް ތަފާތު ފޯކަސްއެއް

މަރިޔަމް ޝަފާ އިބްރާހިމް

"އަރާ ބާރުގައޭ އާރާއިބާރު ހުންނާނީ، ފައިބާ ބާރުގަ އާރެއް، ބާރެއް ނުހުންނާނެއޭ" އުމުރުން ދުވަސްވީ މީހުން ބުނެއުޅޭ ވާހަކައެކެވެ. މާނައަށް ވިސްނާލައިފިނަމަ، ސާފުކޮށް އެބުނަނީ، ހެދިބޮޑުވެ ފުރާފުރިހަމަވެފައިވާ މީހުންގެ ސިކުނޑިއާއި ހަށިގަނޑުގައި ހުންނަ ބާރެއް، ދެބައިއުމުރުން މައްޗަށް ގޮސް، ޒުވާންއުމުރު ފަހަނައަޅައިދާ މީހުންގެ ސިކުނޑީގައާއި ގަޔަކު ނުހުންނާނެ ވާހަކައެވެ. ދެބައި އުމުރުން މަތިވެ، އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ސިކުނޑިއާއި ހަށިގަނޑުގެ ބާރުވެސް ދާނީ ދެރަވަމުން، ބަލިކަށިވަމުންނެވެ.

ގައުމެއްގެ އެންމެ މުހިންމު އެއްބަޔަކީ އެގައުމެއްގެ ޒުވާނުންނެވެ. ގައުމުގެ ކުރިއެރުމާއި އެގައުމަކަށް އަންނަ ބޮޑެތި ތަރައްގީތަކާއި ލިބޭ ކާމިޔާބުތަކާއި މިހެން ގޮސް އެގައުމެއްގެ އެންމެ ހާއްސަ، އެންމެ މުހިންމު ކަންތައްތަކުގެވެސް އެންމެ އިސް އެއް ބަޔަކީ ޒުވާނުންނެވެ. ސަބަބަކީ ސިކުނޑި ހެދި ބޮޑުވެ، ފުރިހަމަ ވިސްނުމަކާއި އެދެވޭ، ތަފާތު ހިޔާލުތަކެއް ހުންނާނީ ޒުވާނުންގެ ކަމަށްވާތީއެވެ. ހަމައެހެންމެ ޒުވާނުންނަކީ ގައުމުގެ ހުންނަ މުހިންމުކަންތައްތައް ކުރިއެރުވުމާއި، ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރުވެސް އޮންނަ ބައެވެ.

ރާއްޖޭގައި ޒުވާނުންނަށް އޮތް ފުރުސަތުތަކާއި އެމީހުންނަށް ކަންތައްތަކުގައި ބައިވެރިވެ، ކަންތައްތައް ތަރައްގީކުރުމާއި ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގަމުން އަންނަ، ފޭސްބުކްގައި މިހާރު ހީވާގި ހަރަކާތްތަކެއް ހިންގަމުން އަންނަ "ޔޫތު އޮން ދަ މޫވް"އަކީ މާތް މަގުސަދެއްގައި، ޅަޒުވާން ކުދިންކޮޅެއް އެކުވެގެން ރެޖިސްޓަރީ ކޮށްފައިވާ "ނޮންޕްރޮފިޓަބްލް އެންޖީއޯ"އެކެވެ. ޔޫތު އޮން ދަ މޫވް ނުވަތަ ޔޯމާގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމާއި، ޒުވާނުންނާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ފޭރާން ހެޔޮކޮށް އިތުރަށް ވަރުގަދަ ކުރުމެވެ.

ނޫހަކަށް ދިން އެންމެ ފުރަތަމަ އިންޓަވިއު "ވަން" އަށް، ޔޯމާ އާ ބެހޭ ގޮތުން ކިޔައިދީ، މައުލޫމާތު ދެމުން އެންޖީއޯގެ ޗެއާޕާސަން ރިފްޝާން އަލީ ބުނިގޮތުގައި، މިއީ ޒުވާނުންނަށްޓަކައި، ހުދު އެމީހުންގެ ޅަޒުވާނުންތަކެއް އެކުވެގެން، ބިނާކޮށްފައިވާ ހިޔާލަކަށް، ޖެއްސިފައިވާ އުއްމީދީ ކުލައަކަށް ދިރުން އައިސްފައިވާ އުފާވެރި، އެހާމެ ހެޔޮހިތުން އަނެކުން ގޮވައިގެން ކުރިއަށް ދިއުމަށް އުފެއްދިފައިވާ ޖަމިއްޔާއެކެވެ.

އެންޖީއޯއާ ބެހޭ މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ޒުވާނުން ގެ ނަމުގައި ހިންގި ވީޑިޔޯ ކެމްޕެއިން ޕްރޮގްރާމުގެ އަމާޒަކީ މުޖުތަމައުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނުންގެ ވާހަކަތައް ގެނެސްދީ، ކާމިޔާބަށް ވާސިލުވުމަށް ކުރި ދަތުރާއި، އެދަތުރުގައި ދިމާވި ދަތިތަކާއި، އެހިސާބަށް އާދެވުނު ގޮތުގެ ވާހަކަ އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. ކުރިއަށް ގިނަ ޕްރޮގްރާމްތަކެއް ހުރިކަމަށާއި ޔޯމާއިން ކުރިއަށް ގެންދާ ކޭމްޕްތަކުގައި މައިގަނޑުކޮށް ކިޔަވައިދެނީ ލީޑަރޝިޕް ހުނަރުތަކާއި މައްސަލަތައް ހައްލުކުރުމަށް ބުނެދިނުމާއި، އެދެވޭ މުއާމަލާތްކުރުންތަކާއި، ނަފުސަށް ޔަގީންކަން ދިނުމާއި، ވަޒީފާގެ މާހައުލުތަކަށް އަހުލުވެރިކުރުވުމާއި، އަދި ކެރިއާ ގައިޑެންސް ފަދަ ތަފާތު ހުނަރުތައް ކަމަށެވެ.

ހިތްވަރު ނަމުގައި ވީޑިޔޯ ކެމްޕެއިނެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި މީގެ ފުރަތަމަ އެޕިސޯޑު ވަނީ ޔޯމާގެ ޕޭޖުގައި އަޕްލޯޑު ކޮށްފައެވެ. މިއީ މުޖުތަމައުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޅަޒުވާނުންގެ ވާހަކަތަކަށް ހާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމެކެވެ. މިފަދަ ޒުވާނުންގެ ވާހަކަތަކުން އެހެން ޒުވާނުންނަށްވެސް ހިތްވަރު ލިބި ކަންކަމުގައި ކުރިއަށް ނުކުތުމަށް ހިތްވަރަކަށް ވާނެކަމަށް ޔޯމާގެ މަސައްކަތްތެރި ޒުވާނުން ދެކެއެވެ.

މިހާތަނަށް އަތޮޅުތަކުން ފ އަތޮޅު ބިލެތްދޫ ސުކޫލުގައާއި މާލޭގައި އިސްކަންދަރު ސުކޫލު އަދި އއ ތޮއްޑޫ ސުކޫލުގައިވެސް ޔޯމާގެ ކުލާސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޔޯމާގެ ހާއްސަ އަމާޒަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމުގައި ގިނަ ފުރުސަތުތަކެއް ހޯދައިދީ، ހުރިހާ ކުދިންނަށްވެސް ހަމަހަމަކަމާއެކު މި ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

ޔޯމާ އުފެދިގެން އައީ ފ އަތޮޅު ބިލެތްދޫގެ ޒުވާން ތިން ރަހުމަތްތެރިންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތަކަކާއި، އެކަކު އަނެކަކަށް ބަދަލުކުރެވުނު ހިޔާލު ތަކަކާއި ބައެއް ކަހަލަ ކަންތައްތަކަށް ހޯދިދާނެ ހައްލަކާ ބެހޭގޮތުން ކުރެވުނު ޖަދަލުކުރުމަކާއި، ހިޔާލުފާޅުކުރުމެއްގެ ތެރެއިންނެވެ.

ޔޫތު އޮން ދަ މޫވް، ޔޯމާގެ ފައުންޑާ މެންބަރުން

  • 1- ރިފްޝާން އަލީ، 24 އަހަރު، ފ ބިލެތްދޫ
  • 2- ޒިމާން ޒުހުރީ، 24 އަހަރު، ފ ބިލެތްދޫ
  • 3- މަމްދޫހު އަހުމަދު، 24 އަހަރު، ފ ބިލެތްދޫ

އެކަކުއަނެކަކަށް ބަދަލުކުރެވެމުންދިޔަ ހިޔާލުތަކަކާއި މުސްތަގުބަލަށްޓަކައި ދެކެމުންދިޔަ ހުވަފެންތަކަކާއި ޒުވާން، އުފާވެރި އުއްމީދުތަކެއް އެކުވެގެން އުފަންވި ޔޫތު އޮން ދަ މޫވް، ޔޯމާ އަށް 'ވަން' އިން އެދެނީ ފާގަތި، ކާމިޔާބު، އަޒުމުގައި ސީދާވުމާއެކުކ، ސާބިތު، ހެޔޮ ނަތީޖާއެއް ފެނިގެން ދިއުމަށެވެ.