އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލުން 2019 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަން ނިންމައި ސަޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަޔާދީ ތަކާފުލްއިން 2019 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި ބަހަން ނިންމާފައިވަނީ 1,520,537 ރުފިޔާއެވެ.

ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2019 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމައި އެކަން އިއުލާނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ސާޕްލަސްއަށް ޝަރުތު ހަމަވާ 2,389 ބައިވެރިންނަށް ސާޕްލަސް ބެހުމަށް ކަނޑައެޅިފައިވަނީ ހޯމް، ކޮންޓްރެކްޓާސް އޯލް ރިސްކު އަދި ފަޔާ އާއި މޮޓޯ އަދި ހަލްގެ އިތުރުން ޓްރެވަލް އާއި ހައްޖާއި އުމްރާ ތަކާފުލް އަދި ކާގޯ ތަކާފުލް 2019 ގައި ނަގާފައިވާ ފަރާތްތަކުގެ މެދުގައެވެ.

ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާ ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުން ކުންފުންޏަށް ވެރިފައިކޮށްދީފައިވާ އެ ފަރާތެއްގެ ބޭންކު އެކައުންޓަށެވެ.

އަޔާދީގެ ފްރަންޓު އޮފީހާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަދި "އޭޖެންޓް 1600" އޮންލައިންކޮށް މެސެޖުކޮށްގެންވެސް ސާޕްލަސް ލިބޭކަން ޔަގީން ކުރެވޭނެއެވެ.

އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގައި ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު، މިހާލަތުގައި "2019"ގައި ބަދަލަށް އެދި ހުށައަހަފައި ނުވާ ފަރާތްތަކެވެ.

ސާޕްލަސްއަށް އެދި ހުށަހެޅުމަށް ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުގެ 16:00 ގެ ކުރިންނެވެ. އެކަމުގެ ފޯމު އޮންލައިންކޮށް ލިބެންހުރި އިރު، އަޔާދީ ކަސްޓަމާ ފްރަންޓް އޮފީހުންވެސް ލިބޭނެއެވެ.

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު"އިން ސީދާ ތަކާފުލްއާ ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ.

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ"ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ކޮންޓްރިބިއުޓަރުން ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެ ގޮތުގައި ނަގާ ފައިސާ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު ކޮންޓްރިބިއުޓަރުންނަށް ހާއްސަ ފަންޑެއްގައި "ބައިވެރިންގެ ފަންޑު" ގައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ.

މިގޮތުން ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލަށް ދައްކާ ފީ ބަލަހައްޓާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރު" ފަންޑުގައެވެ. މި "ތަކާފުލް އޮޕަރޭޓަރު" ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.