އެމްޑީޕީގެ ޗެއާޕާސަންއަކަށް ޕަޕެޓެއްލާން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)، ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ،
ޕާޓީ ހިންގަންޖެހޭނީ ޕާޓީ ހަރަކާތްތަކަށް ރާއްޖެތެރޭގެ ރަށްރަށް ލިބެންޖެހޭ އިނާޔަތްތައްވެސް ލިބިގެން ކަމަށެވެ. އަދި އެމްޑީޕީއަށް މެންބަރުޝިޕް ފައިސާ ލިބެނީ ރާއްޖޭގައި ތިބޭ އެމްޑީޕީގެ މެންބަރުންނަށްވެސް ހިމެނޭގޮތަށް ކަމުން އެމްޑީޕީއަށް ލިބޭ ފައިސާ ހަރަދު ކުރަންޖެހޭނީ މާލެއަށް އެކަނި ނޫން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އަތޮޅުތަކުގެ އެއްވެސް ދާއިރާއެއްގައި ހިމެނޭ ޕާޓީގެ އެއްވެސް ކަމަކަށް މިހާތަނަށް އައި އިރު، ޕާޓީން އެއްވެސް ހަރަދެއް ކޮށްފައި ނުވާކަން ގަޕޯ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ޕާޓިގެ ފައިސާ ރާއްޖެތެރޭގެ ކަންތައްތަށް ހަރަދު ކުރަންޖެހޭނެ ކަމަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ހިނގަމުން ނުދާ ކަމަށެވެ.
އެގޮތަށް ކަންތައްތައް ނުހިނގަނީ ފައިސާ ހަރަދު ކުރެވޭ ގޮތާއި ކަންތައްތައް އެހާ ސާފުކޮށް ފެންނަން ނޯންނާތީ ކަމަށާއި "ހިތަށް އެރީމާ ބޭނުންވާ ކަމަކަށް ބޭނުންވާ ގޮތަކަށް ފައިސާ ހަރަދު ކުރަމުންދާތީ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެން ނޫން އަޅުގަނޑުމެންގެ ޗެއާޕާސަންއަކަށް ޕަޕަޓެއްލާކަށް، ޗެއާޕާސަން އަކަށް ހުންނަންޖެހޭނީ މައިބަދަ ހުރި، ބަސް ވިކޭ ގާބިލް، ހުނަރުވެރި މީހަކު، އޭރުން އަޅުގަނޑުމެންގެ ޕާޓީ އަޅުގަނޑުމެން ދެކެންވާ ހިސާބަށް ދެވޭނީ،" ގަޕޯ ވިދާޅުވިއެވެ.
އަންނަ މެއި މަހުގެ 14 ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު