ޚަބަރު

ފެލިވަރު ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ބީލަން ފަށައިފި

މުހައްމަދު އިޝާން

ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި އެ ކަންކަމާ ގުޅޭ އެހެނިހެން ވަސީލައްތައްވެސް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 ޕަސަންޓު އިތުރުވެގެންދާނެ ކަމަށާއި ފްރީޒިން ކެޕޭސިޓީ 37 ޕަސަންޓަށް އިތުރުވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މަސް ގަނޑުކުރުމާއި ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖެއް ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

އެހެންކަމުން 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި މިފްކޯއަށާއި މުޅި ގައުމުގެ އިގުތިސޯދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްގީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.