އެމްޓީސީސީގެ ޑްރެޖަރުގެ ވަޒީފާތަކާއި އަދި ބަސް ޑްރައިވަރުން ތަމްރީނުކުރުމަށް "ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ފުޅާ ކުރުމަށްޓަކައި ގެންނަން ހަމަޖެހިފައިވާ 34 ބަސް އަންނަ ޖޫން މަހުގެ ކުރިން ގެނެވޭނެ ކަމަށާއި އެހާތަނަށް ބަސް ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އަދި އިތުރު ދެ ޑްރެޖަރު އަންނަ ޖުލައި މަހު ގެންނާނެ ކަމަށާއި ޑްރެޖަރު ތަކަށްވެސް 65 މުވައްޒަފުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިސްކަމެއް އެބަދެން މި ވަޒީފާތަކަށް އަންހެން ބޭފުޅުންނަށް. މި ހަރަކާތްތަކުގެ މަގުސަދަކީ ވަޒީފާ ތަކުގައި އުޅޭ އަންހެނުންނާއި ފިރިހެނުން އިތުރުކުރުން. ދެޖިންސުގެ މީހުންވެސް މަސައްކަތް ކުރާވަރު އިތުރުކުރުމުން ގައުމު ކުރިއަށް މިދަނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ ޑްރެޖަރުގެ ވަޒީފާތަކާއި އަދި ބަސް ޑްރައިވަރުން ވަޒީފާތަކަށް ބޭނުންވާ ދިވެހިން ހޯދުމަށް ބާއްވާ 'ރެކްރޫޓްމަންޓް އޯޕަން ޑޭ' އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން 22 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރ ބޭނުންކުރުމަށްޓަކައި، ޖުމުލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެއެވެ. މިގޮތުން، ޑްރެޖް މާސްޓާ، ޑްރެޖް އޮޕަރޭޓަރު، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރު، ޓަގް ކްރޫ، ވެލްޑަރު އަދި ޑްރެޖް ސުޕަވައިޒަރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10،000 ރުފިޔާއާއި 33،000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއި އެކު އެ ކުންފުނީގެ ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

އެމްޓީސީސީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން އަދި ލ. އިސްދޫގައެވެ. މިވަގުތު ބަހުގެ ހިދުމަތް ލިބެނީ ހަމައެކަނި ސ. ފޭދޫގައި ކަމަށްވިޔަސް، އައު ބަސްތައް ގެނައުމާއެކު މިދެންނެވި ރަށްރަށަށްވެސް ހިދުމަތް ފުޅާކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ބަސް ދުއްވަން ނެނގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން ތިން މަސްދުވަސްތެރޭ ތަމްރީން ކުރެވި ލައިސެންސް ލިބޭނެ ކަމަށެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމައި ލައިސަންސް ލިބޭ ފަރާތްތަކަށް 14،000 ރުފިޔާއާއި 18،000 ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރުންގެ ވަޒީފާ ހަމަޖެހޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން، ޖުމުލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރުމަށް ވަނީ ހަމަޖެހިިފައެވެ.

މުވައްޒަފުން ހޯދުމަށް ބާއްވާ 'ރެކްރޫޓްމަންޓް އޯޕަންޑޭ' ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައެވެ.

  • އެގޮތުން، އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ:
  • 03 މެއި 2022، ހދ. ކުޅުދުއްފުށި،
  • 04 މެއި 2022، ހދ. ނޮޅިވަރަންފަރު،
  • 09 މެއި 2022، ސ. ފޭދޫ، ސ. ހިތަދޫ،
  • 10 މެއި 2022، ސ. ހުޅުމީދޫ،
  • 12 މެއި 2022 ޏ. ފުވައްމުލަށް،
  • 14 މެއި 2022، ލ. ގަން،
  • 15 މެއި 2022، ލ. އިސްދޫ،
  • 18 މެއި 2022، ށ. ފުނަދޫ،
  • 21 މެއި 2022، ޅ. ހިންނަވަރު
  • 22 މެއި 2022، ޅ. ނައިފަރު

އެމްޓީސީސީން ބުނީ މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިއުކުރަމުންގެންދާނެ ކަމަށެވެ. އަދި ކުންފުނީގެ ހޮޓްލައިން 1650 އަށް ފޯނުން ގުޅައިގެންވެސް މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.