އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ޖަމްޝީދާއި ޓޫފޯ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުންނެވެ.
އެ ދެބޭފުޅުންގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އޮފް ޕޮޮލިސް އިސްމާއިލް ޝަމީމު ވެސް ފުލުހުންގެ ވަޒީފާއިން ވަކިކުރަން އެ ބޯޑުން ވަނީ ނިންމައިފައެވެ. ޕޮލިސް ބޯޑުގެ އެ ނިންމުމަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ހިދުމަތުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި، އެއީ ގާނޫނީ އުސޫލުތަކާއި އަދުލު އިންސާފުގެ ހަމަތަކާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ފުލުހުން ވަޒީފާއިން ވަކި ކުރުމަށް ނިންމުމުގެ ބާރަކީ ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑަށް ލިބިދޭ ބާރެއްނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއާއެކު އެ މައްސަލައަށް ވަކި ގޮތެއް ނިމެންދެން، ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުން ފަސްކުރުން، (އެބޭފުޅުން ވަޒީފާއިން ވަކިކުރުން) ފަސްކުރުމުގެ އަމުރަކަށްވެސް އެދުނެވެ. ނަމަވެސް ސިވިލްކޯޓުން އެ އަމުރު ނެރެއްނުދިނެވެ.
އެހެންކަމުން އެ ފަސް ބޭފުޅުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވިއެވެ. ހައިކޯޓުގައިވެސް އެބޭފުޅުން އެދިވަޑައިގެންފައި ވަނީ، ސިވިލްކޯޓަށް ހުށަހެޅި މައްސަލައަށް ހުކުމް ކުރުމުގެ ކުރިން އެބޭފުޅުން ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، އެބޭފުޅުންގެ ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑު އަދި ކަމާގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލައިގައި 13 އޮކްޓުބަރު 2021 ގައި ހައިކޯޓުން ވަނީ، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހއ. ހޯރަފުށި ރުވާމާގޭ މުހައްމަދު ދާއޫދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ގ. ޕާކީޒާ އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އޮފް ޕޮޮލިސް ދަފުތަރު ނަމްބަރު 3236 އިސްމާއިލް ޝަމީމު އާދަމް، ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އަމުރު ކޮށްފައެވެ.
ނަމަވެސް ޖަމްޝީދާއި ޓޫފޯގެ ވަޒީފާ ދަމަހައްޓަން ހައިކޯޓުން އަމުރު ކޮށްފައެއް ނުވެއެވެ. އެއީ އެ ދެބޭފުޅުން 10 އޮކްޓުބަރު 2021 ގައި ވަޒީފާއިން ވަކިކޮށްފައި ވާތީއެވެ.
މިއަދު ސުޕްރީމް ކޯޓުން ނިންނި ނިންމުމަކީ، ހައިކޯޓުން ކުރި އަމުރުގައި އެ ދެމޭފުޅުންގެ ވަޒީފާ ދަމަހައްޓަން ހިމަނާފައި ނުވާތީ، ހައިކޯޓުގެ އަމުރަށް ބަދަލުގެންނަން ޖަމްޝީދާއި ޓޫފޯގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން ނިންމި ނިންމުމެކެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު ޑޮކްޓަރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު