ބޭރުގެ ހޮސްޕިޓަލް ޗެއިންތައް ރާއްޖެ ގެނެވޭނީ އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލް ހިންގުމުގެ ފުރުސަތު ފުޅާކޮށްދިނުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިއްހީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ވިސްނުންތެރިކަމާއެކު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
"އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލް ހިންގުމަށް އިތުރު ފުރުސަތުތައް ވަރަށް ބޭނުންތެރި. ބޭރުގެ ހޮސްޕިޓަލް ޗެއިންތައް ރާއްޖެ ގެނެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެގޮތަށް ގޮވާލައްވާފައިވާއިރު، ނަޝީދު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން "ސަރުކާރާ އެކީ ނުފެތުމަށް" ގޮވާލައްވައި، ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފައެވެ.
ނަޝީދު، ސިއްހީ ނިޒާމުގެ ކަންކަން ވިސްނުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައްވާފައިވާއިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއިދުކުރައްވަން ނިންމަވައި އެކަން މިއަދު ހާމަކުރައްވައިފައެވެ.
މިއަދު ނަސީމް ވަނީ ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވިޓާގައި އާންމުކުރައްވައިފައެވެ.
އެ ފޮޓޯ ނަގާފައިވަނީ ފައްޔާޒްގެ ކެމްޕޭނު ހަރުގޭގައެވެ. ފޮޓޯގައި ނަސީމް ހުންނެވީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމަށް، މި އިންތިހާބުގައި ފައްޔާޒަށް ލިބިވަޑައިގެންނެވި ކެންޑިޑޭޓް ނަންބަރު ދޭއް، އަތުގެ އިޝާރާތުން ދައްކަވައިގެންނެވެ.
މިނިސްޓަރު ނަސީމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ. ނަސީމަކީ ނަޝީދުގެ ބޮޑުބޭބޭއެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދު ތާއިދުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށެވެ. ނަޝީދުގެ އާއިލާ ބޭފުޅުންގެ ތާއީދުވެސް އޮތީ އިންތިއަށެވެ.
ފައްޔާޒަށް ރައީސް ސޯލިހުގެ ތާއިދު އޮތް އިރު، މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ގިނަ މިނިސްޓަރުންގެ ތާއީދު ވެސް އޮތީ ފައްޔާޒަށެވެ.
އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު